ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ރޭ ފެށި 'އަހާ' ފޯރަމްގެ ތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ ވިޔަފާރިކުރުމަށް ގަވައިދުން ތަން ނުދޭ ކަމަށެވެ.

ސައީދު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާ މިދިޔަ ބުދަ ދުވަހު ބައްދަލުކުރައްވައި، ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، ގަވައިދާ ހިލާފަށް ކުރާ އަދި ހިންގާ ވިޔަފާރިތަކުގެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާކުރުމުން އެ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް ބިދޭސީން ކުރާ، އަދި ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ފުލުހުންނާ ގުޅިގެން މަސައްކަތްތައް ކުރަން ރާވާފައިވާނެއެވެ. އަދި މި މަސައްކަތުުން ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމުގް ޔަގީންކަން ރޭ ދެއްވިއެވެ.

މީގެ އިތުރުން، ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށާއި، އޭރުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވާ ބިދޭސީން ދެނެގަނެ ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިނިސްޓްރީ އާ ހަމައަށް ތަންފީޒީ އިދާރާތަކުން އެ މައުލޫމާތު ދިނީމަ މިނިސްޓްރީން ފަހަކަށް ނުޖެހޭނަން ފިޔަވަޅު އަޅާކަށް،" ސައީދު ވިދާޅުވިއެވެ.