ތ. ބުރުނީ ކައުންސިލަށް ލިބުނު ފައިސާ އާއި ހަރަދު ކުރި ފައިސާ ކަމަށް ހިސާބުތަކުން ދައްކާ އަދަދާއި މާލީ ބަޔާނުން ދައްކާ އަދަދުގައި ފަރަގު ހުރި ކަމަށް އޮޑިޓާ ޖެނެރަލުން ތައްޔާރު ކުރި ރިޕޯޓްގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ތ. ބުރުނީ ކައުންސިލް އިދާރާގެ 2020 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ 3 މައްސަލައެއް ފާހަގަ ކޮށްފައެވެ.
އެގޮތުން ޑިސެމްބަރު 31، 2020 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި މާލީ އަހަރުތެރޭގައި އެކި ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ޖުމްލަ 3،473،910 ރުފިޔާ ކަމަށް އޮޑީތް ރިޕޯޓުން ބުނެއެވެ. ނަމަވެސް ކައުންސިލުން ބަލަހައްޓާފައިވާ ހިސާބުތަކުން މާލީ އަހަރު ތެރޭ ލިބުނު ފައިސާ ކަމަށް ދައްކާ ޖުމްލައަކީ 3،851،321 ރުފިޔާއެވެ. އެހެންކަމުން މިއަދަދުން 377،411 ރުފިޔާގެ ފަރަގެއް ހުރުމުން އެ ފަރަގު އަންނަ ސަބަބު ހޯދުމަށް ރީކޮންސިލިއޭޝަނެއް ހަދާފައި ނުވާ ކަމަށާއި އެ ކަމާ ގުޅިގެން މާލީ ބަޔާންތަކަށް އިސްލާހެއް ގެންނަންޖެހޭ ކަން ނުވަތަ ނޫން ކަން އެންގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
ހަމައެއާއެކު ފައިސާ ހޭދަ ކުރެވުނު ގޮތުގެ ބަޔާންގައި މާލީ އަހަރުތެރޭ ކުރެވުނު ހަރަދުގެ ޖުމްލައިގެ ގޮތުގައި ހިމަނާފައިވާ 3،407،436 ރުފިޔާ އާއި ކައިންސިލުން ބަލަހައްޓާފައި ހިސާބުތަކުން (ވިޔަ މޮޑިއުލްގައި) މާލީ އަހަރުތެރޭ ކުރެވުނު ހަރަދުގެ ގޮތުގައި ދައްކާ 3،132،512 ރުފިޔާ އާ ދެމެދު 274،924 ރުފިޔާގެ ފަރަގެއް ދައްކާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނިމުނު އިރު ފައިސާ ހުރި ކަމަށް ބުނާ އަދަދާއި 2020 ވަނަ އަހަރު ފެށުނު އިރު ހުރި ފައިސާ ކަމަށް ދައްކާ އަދަދު ދިމާ ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން ބުނެއެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ނިމުނު އިރު ކައުންސިލް އިދާރާގެ ބޭޏްކް ސްތޭޓްމަންޓާއި ތިޖޫރީ ބާކީން ދައްކާ އަދަދާއި، ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާންގައި ކައުންސިލް އިދާރާގައި ހުރި ފައިސާ ކަމަށް ބުނާ އަދަދު ވެސް ދިމާ ނުވެއެވެ. އެގޮތުން މާޅީ ބަޔާޏޫގަިއ ބުނާ ގޮތުގައި ކައުންސިލް އިދާރާގައި ހުރީ 1،790،397 ރުފިޔާއެވެ. ނަމަވެސް ބޭންކް ސްތޭޓްމަންޓާއި ތިޖޫރީ ބާކީއިން ހުރި ކަމަށް ދައްކަނީ 2،011،798 ރުފިޔާއެވެ. މި ދެ އަދަދުގެ ދެމެދުގައި 221،401 ރފުިޔާގެ ފަރަގު ހުރިކަން ވަނީ ފާހަގަ ވެފައެވެ.
މިކަންކަން މިހެން ހުރުމާ އެކު އޮޑިޓާ ގެނެރަލް އޮފީހުން ބުނެފައި ވަނީ ތެދުވެރިކަމާ އެކު ހަގީގަތާ އެއްގޮތަށް ދައްކުވައިދޭ "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑަޑް: ފައިނޭންޝަލް ރިޕޯޓިން އަންޑާ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިން" އާ އެއްގޮތަށް ތައްޔާޜުކޮސްފައިވާ މާލީ ބަޔާންތަކެއް ކަމަށް ނުދެކޭ ކަމަށެވެ.