ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން ދާ ރައްޔިތުންނަށް އެކި ކަންކަމާ ގުޅޭ ގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ އާންމުންނާ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

'އަހާ'ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އޮންނާނީ ސަލްޓަންޕާކުގައި މިރޭ 8:30 ގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނަކީ

- އިސްލާމީ މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- އިކޮނޮމިކް މިނިސްޓަރު - މުހައްމަދު ސައީދު

- ޖެންޑާ މިނިސްޓަރު - އައިޝަތު ޝިހާމް

- ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބު

- ސްޕޯޓްސް މިނިސްޓަރު - އަބްދުﷲ ރާފިއު

ދެގަޑިއިރަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، މި ބައްދަލުވުން އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ފޯނުން ގުޅައިގެންނާ އެސްއެމްއެސް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން ވަނީ ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުންނާ، ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކޮންމެ ދެ މަހަކު 5 ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ފޯރަމެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ތިން މަހުން އެއް މަހު ރައީސް އަމިއްލަފުޅަށް ވެސް ރައްޔިތުންނަށް އެފަދަ ފުރުސަތެއް ދެއްވަން ނިންމާފައެވެ. އެ ފޯރަމުގައި ވެސް ރައްޔިތުން ކުރަން ބޭނުންވާ ސުވާލެއް އެ މަނިކުފާނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.