ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ބާއްވަން ނިންމައިފިއެވެ.
ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނުގައި ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށެވެ. އެގޮތުން މުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސެންޓަރަށް ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެންސީއޭގެ ވެބްސައިޓުން ވެސް ލިބޭނެއެވެ. ޓެލެޑްރާމާގެ ތީމަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖުތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ކަންކަން ކަމަށް ވެސް އެންސީއޭ އިން ވަނީ ބުނެފައެވެ.
މި މުބާރާތުން އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް އެންސީއޭއިން ހުށަހަޅާފައިވާ އިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ މުވައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކަންޏެވެ.