ރާއްޖެ އަށް މިސްރާބު ޖަހާފައިވާ ޗައިނާގެ ކަނޑުމަތީ އުޅަނދުން ރާއްޖޭގެ ކަނޑުތަކުގައި ސާވޭ އެއް ނަހަދާނެ ކަމަށް، ސަރުކާރުން މިއަދު ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖެ އަށް މިސްރާބު ޖަހާފައިވާ ޗައިނާގެ ކަނޑުމަތީ އުޅަނދެއް ކަމަށްވާ 'ޒިއަންގް ޔަންގް ހޮންގް 3' ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސާވޭއެއް ކުރަން ހަމަޖެހިފައެވެ. ޗައިނާގެ މި އުޅަނދުން އިންޑިއާގެ އަސްކަރިއްޔާ އަށް ޖާސޫސްކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް، އެ ނޫސްތަކުގައިވެއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ ޗައިނާގެ މި ކަނޑުމަތީ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ އަށް އެދިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި އުޅަނދުން ރާއްޖޭގެ ކަނޑުމަތި ސާވޭކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުވެރި ބޭރު ގައުމުތަކުގެ ކަނޑުމަތީ އުޅަނދުފަހަރަށް ރާއްޖޭން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި، އެގޮތުން ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުފަހަރާއި އަމިއްލަ އުޅަނދުފަހަރަށް ވެސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަނދަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަދަ ކޮންމެ ކަމެއްގައި ވެސް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ކަމާގުޅޭ ގާނޫނުތައް ރާއްޖޭން ދަމަހައްޓާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.