ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.

މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި އީސީގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކޮމިޝަނުގެ އަމާޒު ހުރީ ކަރުދާސް ފޯމު ބޭނުންކުރުން ހުއްޓާލަން ކަމަށާއި އެހެންކަމުން މަޖިލީސް އިންތިހާބުގައި ރީ-ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ.

މީގެ އިތުރުން ނަޝާތު ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ކުރެވޭ ގޮތަށް ކަނޑައެޅީ، ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑުވުމުންކަމަށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އޮންލައިން ސްޓެޓްތަކަށް ބެލިއިިރު އޮންލައިން ނިޒާމުގައި ވެރިފައި ކުރެވޭ ލެވެލެއްގައި ފޯމުތައް ލިބިފައިވާކަން ފާހަގަކުރައްވަމުން ނަޝާތު ވިދާޅުވީ އެ ފޯމުތަކުގައި މާ ބޮޑު މައްސަލަތަކެއް ދިމާވެފައި ނުވާކަމަށެވެ.

ރޯ-ރަޖިސްޓްރޭޝަނަށް ގެނައި މި ބަދަލާ ގުޅިގެން ނަޝާތު ވަނީ ސިޔާސީ ޕާޓީތަކުން ވެސް އިލެކްޝަންސް ޕޯޓަލްގެ ތެރެއިން އޮންލައިންކޮށް އެކަން ކުރުމަށް އެދިވަޑައިގެންފައެވެ.

އީ-ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާއިރު ނަޝާތު ވިދާޅުވީ އީ-ފާސް މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖެއްސީ އިތުބާރު ހިފޭ އަދި ރާއްޖެއިން ބޭރުގައި ވެސް ބޭނުން ކުރެވޭ އެޕްލިކޭޝަނަކަށް ވާތީ ކަމަށެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ރީ-ރަޖިސްޓްރީކުރުމުގައި ދިރިއުޅޭ ރަށް ނޫން އެހެން ތަންތަނަށް ރަޖިސްޓްރީކުރާ މައްސަލަ އާއި ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަވަނީ ފެންމަތިވެފައެވެ.