މި ސަރުކާރުން އާމްދަނީ ލިބޭނެ މަޝްރޫއެއް ހިނގާތަނެއް ނުފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ "ޕީއެންއެފް" އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކުރައްވާ ކަންތައްތަކާއި އިއުލާންކުރައްވާ ކަންތައްތަކަކީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަންކަން ކަމަށާއި އެކަމާމެދު ޝައްކެތްވެސް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ހައްތަހައި ވެސް ފެންނަނީ ހަރަދުތައް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އިންޑިއާއަށް އެކަނިވެސް ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 3،000 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި ނަގާފައިވާ ކަމަށެވެ. އަދި ފަސް އަހަރުވެގެން ހަ އަހަރުވާއިރު ވެސް އެއާޕޯޓްގެ ކޯޑްއެފް ރަންވޭއަށް ޖައްސާ އެންމެ ބޮޑު މަތިންދާ ބޯޓު ޖައްސާ ޓާމިނަލް ނުނިމޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނިއްޔާ މި ސަރުކާރުގެ އެހެން ވެސް މަސްއޫލުވެރި ބޭފުޅަކު އިގުތިސާދީ އާމްދަނީ ހޯދާނެ މިވެނި މިވެނި މަޝްރޫއުތައް ފަށާ ވާހަކައާއި އޭގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނޭ ކަމަށް ވިދާޅުވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފެށުނީންސުރެ މިހާ ހިސާބަށް މިއޮތީ ހަމަ ބޮޑެތި ދަރަންޏެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެ ހެއްޔޭ މިހެން ހަމަ. ހަރަދު ކުރަމުން ކުރަމުންނޭ މި ދަނީ އަދިވެސް. އެކަމު އާމްދަނީ ލިބޭނެ ގޮތްތަކެއް އަދިވެސް އަޅުގަނޑުމެންނަކަށް ނުފެނޭ"
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އަންނަ މާޗް މަހުގެ ތެރޭގައި އައިއެމްއެފްގެ ވޯލްޑް ބޭންކުގެ މިޝަނެއް ރާއްޖޭ އަންނާނެ ކަމަށާއި އަންނަނީ އިގްތިސޯދުގެ ދިރާސާ ހަދަން ކަމަށެވެ. އަދި ހަރަދުތައް އިތުރުވަމުންދާއިރު އާމްދަނީގެ މަޝްރޫއުތަކެއް ނުފެންނާތީ ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.