މިދިޔަ އަހަރު ފެމިލީ ކޯޓުން 2425 ކައިވެނި ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޯޓުން 1281 ވަރިކޮށްދީފައިވާއިރު ރާއްޖެއިން ބޭރުގައި ކޮށްފައިވާ 163 ކައިވެންޏެއް މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޓުގައި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

ފެމިލީ ކޯޓުން ބުނީ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި 3276 މީހުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 1664 ފިރިހެނަކާއި 1612 އަންހެނެއް ކަމަށެވެ.

ފެމިލީ ކޯޓުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ވަލީ ހޯދުމަށް އެދި 14 މައްސަލައެއް ހުށަހެޅި ކަމަށާއި 2022 ވަނަ އަހަރު ނިމުމުއިރު ހުށަހަޅާ, ނުނިމި ހުރި އެފަދަ މައްސަލަތަކާއެކު މިދިޔަ އަހަރުގެ ތެރޭގައި 15 މައްސަލަ ނިންމާފައިވާ ކަމަށެވެ. އަދި ވަރިވުމަށްއެދި 766 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 744 މައްސަލަ ނިންމާފައިވާ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވަރިކުރުމަށް އެދި 310 މައްސަލަ ހުށަހެޅިއިރު 291 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. އަދި ވަރިސާބިތުކުރުމަށްއެދި މިދިޔަ އަހަރުގެ ތެރޭގައި 627 މައްސަލަ ހުށަހަޅި ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ވަރިއާމެދު ޝައްކުވެގެން 27 މައްސަލަ ހުށަހެޅިއިރު 2022 ވަނަ އަހަރު ހުށަހަޅާ, ނުނިމި ހުރި އެފަދަ މައްސަލަތަކާއެކު މިދިޔަ އަހަރު 29 މައްސަލައެއް މިދިޔަ އަހަރު އެ ކޯޓުން ވަނީ ނިންމާފައެވެ.