ކ. ފުނަދޫގައި ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކާ ބެހޭ އިދާރާ ގާއިމްކުރާތީ، އެ ރަށުގައި މިހާރު ގާއިމްކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ފުނަދޫގައި ތެޔޮ ރައްކާކުރުމަށްޓަކައި ގާއިމްކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރުމުގެ މަސައްކަތް އެސްޓީއޯ އިން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާލީ ސެންޓަރެއް ގާއިމްކުރަން ސަރުކާރުން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ހާމަކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ އިދާރާއެއް އުފައްދަވާފައި ވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އެ މާއްދާ އިން ލިބިދޭ ބާރުގެ ދަށުން، ރައީސް ވަނީ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ހިނގަމުން ދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށް ކަނޑައަޅުއްވައިފައެވެ.
މިއަދު އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދަވާފައި ވަނީ:
- ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގައި ފާހަގަކޮށްފައިވާ ފައިނޭންސިންގެ ހިިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމަށް
- ރާއްޖޭގައި އޮފްޝޯ / އޮންޝޯ ޑިވެލޮޕްމެންޓް ބޭންކުތަކާއި ބައިނަލްއަގުވާމީ މާލީ މަރުކަޒުތައް ގާއިމްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް
- ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމްކުރުމަށް
- ގާނޫނޫ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދަން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް