ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.

ޖޭޕީއިން ވަކިވެވަޑައިގެންނެވުމަށް ފައިސަލް ސިޓީ ފޮނުއްވާފައި ވާއިރު އެމަނިކުފާނު ޖޭޕީގައި މަސައްކަތް ކުރައްވާތާ މިއީ 16 ވަނަ އަހަރެވެ. ނިމިދިޔަ ދައުރުގެ ނައިބު ރައީސްގެ މަގާމުވެސް ފައިސަލް ފުރުއްވާފައި ވަނީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖޭޕީއަށް ލިބުނު ސްލޮޓެއްގައެވެ.

އެމްޑީޕީ އުފެދުނު ދުވަސްވަަރުން ފެށިގެން އެމްޑީޕީގައިވެސް އުޅުއްވާފައިވާ ފައިސަލް ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިއަދާ ޖެހެންދެންވެސް ފައިސަލް ހުންނެވީ ޖޭޕީގައެވެ.

ހުސްވެފައިވާ މާލޭ ސިޓީ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ކެމްޕެއިންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ފައިސަލް ވާހަކަދައްކަވާފައިވެއެވެ. ވުމާއެކު ސިޔާސީ ގޮތުން އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފައިސަލް ދެން ގުޅިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެނީ ވެސް އެމްޑީޕީއާއެވެ.

ފައިސަލްއަކީ ފެހި ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސްއަށްވާއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލެއްވުމަށް ވަޑައިގެން އޭނާ ވަނީ ފަހު ދުވަހާ ޖެހެންދެން ވެސް ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.