އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވި ގއ. ވިލިނގިލި، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުއަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ބަލަން އެ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެ ހާދިސާ އާ ގުޅުވައި ބައެއް މީހުން ތުހުމަތުކުރި ގޮތުގައި، އެ ފިރިހެން ކުއްޖާ މާލެ ނުގެނެވި 16 ގަޑިއިރުވަންދެން މަޑުކުރަން ޖެހުނީ ޑޯނިއާ ބޭނުންނުކުރުމުންނެވެ.
އެކަމާ ގުޅިގެން ސައުދު ހުށަހަޅުއްވި މައްސަލާގައި ވިދާޅުވީ ހާލަތު އިތުރަށް ގޯސްވެ އިތުރު ފަރުވާއަށް ވީ އެންމެ އަވަހަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާ އިމަޖެންސީ އިވެކުއެޝަން އަވަސްކުރުމަށް މަސައްކަތް ކުރުމުންވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިމަޖެންސީ އިވެކުއޭޝަންގައި ބޭނުންކުރުމަށް ހާއްސަ ފުލައިޓް އަދި ހެލިކޮޕްޓަރު ތައްޔާރަށް އޮތް ކަމަށެވެ.
އެހެންމަވެސް އޭގެ ބޭނުންނުކޮށް އައިލެންޑް އޭވިއޭޝަންގެ ފުލައިޓް ލިބެންއޮތް ވަގުތަށް ވަރިހަމަކޮށް އެ ކުއްޖާއަށް ބޭނުންވާ ކުރިޓިކަލް ކެއާ އަވަހަށް ލިބުމަށް ގަސްތުގައި ހުރަސް އަޅާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
މިގެ ކުރިން އެ ފަދަ ހާލަތްތަކުގައި އައިލެންޑް އޭވިއޭޝަންގެ ފުލައިޓް ލިބުން ލަސްވާ ހާލަތްތަކުގައި ރާއްޖޭގެ ގައުމީ ދިފާއީބާރުގެ ބެލުމުގެ ދަށުން ހެލިކަޕްޓަ ނުވަތަ ޑޯނިއާ ފުލައިޓް ބޭނުންކޮށްގެން ބަލިމީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ވީ އެންމެ އަވަހަކަށް މާލެ ގެނެވި ފަރުވާދެވި އެތައް ރައްޔިތަކަށް ހިފުމަށް ފޯރުކޮށްދެއްވާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އެ ވަސީލަތްތައް މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި ތައްޔާރަށް އޮވެ، ސަރުކާރުން އެ ވަސީލަތްތައް ބޭޏުން ނުހިފީ ރައްޔިތުންނަށް ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް ވަރިހަމަކަމަށް ނިންމުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުން ލަސްވުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބާލަ ދިރާސާކޮށް މިފަދަ ކަންކަން ގައުމުގައި ތަކުރާރު ވިޔަނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުމަށްތާއި މި ހާދިސާގައި އެކި މުއައްސަސާތަކުންް ވެފައިވާ އިހުމާލުތަށް ބެލުމަށް ސައުދު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.