އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަސޭހަނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނުމާ ގުޅިގެން، ނާއުއްމީދުވެ ވަޑައިގެންނެވި ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔަމީން ސިޔާސީ އެއްވެސް ހަރާކަތެއްގައި ބައިވެރިވުން ކަރެކްޝަންސް އިން މަނާކޮށްފައިވާއިރު ޕޯޑިއަމަށް ވަޑައިނުގަނެ ގޮނޑީގައި އިށީނދެވަޑައިގެން ހުންނަވައިގެން ރައީސް ޔާމީން ވަނީ އިންޑިއާގެ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ފްރަންޓް އޮފީސް ޖަލްސާގައި ޕޯޑިއަމަށް އެރުއްވި ބޭފުޅުންނަށް ސުވާލުތަކެއް އަމާޒުކުރައްވަން ލިބުނު ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ރާއްޖޭން ބާލުންކަމަށެވެ.

"މި ސަރުކާރު, އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އަންނަމުން ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކަށްވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން. އަޅުގަނޑުމެން ގަބޫލުކުރި ގޮތަށް ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ނިމުމާއެކީ ވަރަށް ކުރިން އިއުލާނު ކުރެއްވި އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށް އަދި އިންޑިއާ ސަރުކާރާ އެކަން ކޮމިއުނިކޭޓް ކުރެއްވި ކަމަށް". 'އަޅުގަނޑުމެންގެ ސަރުކާރު' ގެ ސަރުކަރުގެ ގޮތުގައި މި ސަރުކާރު ސިފަކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަސޭހަ ނޫން ކަމަށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް އޮފީހުން ހާމަކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގެ ވަޒީރަކު މިފަދައިން ވިދާޅުުވުމުން ނާއުއްމީދުވެ ވަޑައިގެންނެވިކަމަށެވެ. އަދި އެއްވެސްކަމަކީ ފަސޭހަކަމެއް ނޫންކަން ހާމަކުރައްވަމުން ރއީސް ޔާމީން ވިދާޅުވީ މިއީ އިންޑިއާ ސިފައިން ބާލަން ވަރަށް ހިތްވަރާއެކު އައި ސަރުކާރެއްކަމަށެވެ.