ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ 'ބިންވެރިޔާ' ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ބިން ލިބުނު ފަރާތްތަކަށް ހާއްސަކޮށްގެން 'މާލެ ބިންވެރިންގެ ސައްލާ' އެއް ބާއްވަން ނިންމައިފިއެވެ.

މި ސައްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު ސަލްޓަންޕާކުގައެވެ.

މި ބައްދަލުވުމުގައި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، މާލެ ރަށްވެހިންގެ ޖަމިއްޔާ، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ބައިވެރިވާނެއެވެ. އަދި ބިންވެރިޔާ ސްކީމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރި ކަންތައްތައް ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސް ދެއްވި ހާއްސަ މެސެޖު ބައިވެރިންނާ ހިއްސާކުރުންވެސް އޮންނާނެކަމަށް ސުނާދު ލަތީފު ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫކޮށްފައި ވާއިރު މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3.7 މިލިއަން އަކަފޫޓެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ އެންމެެ ކުޑަ ގޯތިތަކުގައި ވެސް 1،250 އަކަފޫޓު ހުންނާނެކަމަށް ކުރީގެ ސަރުކާރުން ބުނެފައިވާއިރު، ހުޅުމާލެ އިން ބިން ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ގޯތިކަނޑައިދީފައެވެ. އަދި މި ސްކީމްގެ ދަށުން ބިން ލިބުނު މީހުންނަށް ރަޖިސްޓްރީ ވަނީ ދޫކޮށްފައެވެ،