ތައުލީމީ ފޮތްތަކުގައި، އަގީދާ އާއި އީމާންކަމުގެ ބައިތަކާ އަދި ވާހަކަތައް އިތުރުކޮށް މުދައްރިސުންނާއި އުގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައިވަނީ ގައުމުގެ ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ރާވާންޖެހޭ ކަމަށެވެ. މާރާމާރީ އާއި ވައްކަމާ، ހިޔާނާތާ އަދި އެކަކު އަނެކަކަށް ފުރައްސާރަ ކުރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާ އަދި ކުޑަކުދިންނަށް ކުރާ ގިނާގެ މައްސަލަ އިތުރުވެފައިވާކަމަށް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ،

މި މުޖުތަމައު އިސްލާހުކޮށް ސަލާމަތްކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް އައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް އީމާންވެގެން ކަމަށާއި މާތްﷲ ގެ ހަޟްރަތަށް ރުޖޫއަވެ އެކަލާނގެ އާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްގެންކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކޮށް ހުތުބާގައިވަނީ ޒުވާނުން މިފަދަ ކަންކަމުގައި އިސްނެގުމަށް ގޮވާލާފައެވެ. މި މުޖުތަމައުއިން މިހާރު އިވެމުންދާ އަޑުތަކަކީ ދީނީ ވާޖިބުތައް އަދާކުރަމުން ދާއިރުވެސް ވަރަށް ފަސޭހައިން މަގުފުރެދިގެން ގޮސް ފާފަތަކަށް އަރައިގަނެވޭ ވާހަކަކަން ފާހަގަކުރަމުން ހުތުބާގައިވަނީ އިންސާނާގެ ހަގީގީ ކާމިޔާބީ އާއި ބާއްޖެވެރިކަންވަނީ މާތްﷲ އަށް ފުރިހަމަ މާނައިގައި އީމާންވުމުން ކަމަށެވެ.

މީގެ އިތުރުން ހުތުބާގައިވަނީ މާއްދިއްޔަތުގެ ތެރެޔަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި މީހާގެ އުޅުމާއި، އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވާ ކަމަށް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.