ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ގަސްދުކުރާ ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ ކަންތަކަށް ޕީޖީ އޮފީސް އޮތީ ތައްޔާރަށް ކަމަށް އެ އޮފީހުން ބުނެފިއެވެ.
އެގޮތުން ޕީޖީއިން ބުނީ ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ އެ މީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށާއި ރެކޯޑެއް އޮތްނަމަ އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ. އަދި އެކަން ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ހައްލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޕީޖީއިން ވަނީ ބުނެފައެވެ.
ޕީޖީއިން ވަނީ އެކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ އެ އޮފީހުގެ ނަންބަރު 3000655 އާ ގުޅައިގެން ކުރިއަށްގެންދަން އެދިފައެވެ. އަދި ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި އަމަލުކުރާގޮތް މި ލިންކުން ފެންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެއީ ރަމަޟާން މަސް ތެރެއެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު މި ދުވަސްވަރަކީ ކުށުގެ ރިކޯޑު ސާފުކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރާނެ ދުވަަސް ވަރެއްކަން ފާހަގަކުރެވެއެވެ.
ޕާޓީތަކުގެ ޕްރަމަރީ ބާއްވާނެ ދުވަސް ކަނޑައަޅަމުންދާއިރު ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި އަންނަ މަހުގެ 3 ދުވަހުއެވެ.