އޭޑީކޭ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑުން މުދަލާއި އަދި ހިދުމަތް ހޯދުމަށްފަހު، އެ ކުންފުންޏަށް ހެލްތް މިނިސްޓްރީން ދައްކަން ޖެހިފައިވާ ފައިސާގެ ތެރެއިން ނުދައްކާ ހުރި 130،000 ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭޑީކޭ އިން ސިވިލް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެ ކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް މިނިސްޓްރީ އޮފް ހެލްތުއިން ދައްކަންޖެހޭ 382،497 ރުފިޔާ ދައްކާފައި ނުވާ ކަމަށެވެ. މި މައްސަލައިގެ ދައުވާގައި އޭޑީކޭ އިން ބުނެފައި ވަނީ ޖަނަވަރީ 18، 2021 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 31، 2021 ވަނަ ދުވަހާ ދެމެދުގައި އެ ހޮސްޕިޓަލުން ހޯދާފައިވާ ތަފާތު ހިދުމަތްތަކަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާކަމަށެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ އޭޑީކޭއަށް 325،000 ރުފިޔާ ދޭންޖެހިފައިވާ ކަމަށާއި އެހެންނަމަވެސް އެ ފައިސާގެ ތެރެއިން ބައެއް އިންވޮއިސްތަކަށް އެ ވުޒާރާއިން ފައިސާ ދައްކާފައިވާ ކަމަށެވެ. އެގޮތުން ބާކީ ނުދައްކާހުރި ފައިސާގެ އަދަދަކީ 130،000 ރުފިޔާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ވަނީ ޖަނަވަރީ 17، ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި 130،000 ރުފިޔާ ހެލްތު މިނިސްޓްރީން، އޭޑީކޭއަށް އެއްފަހަރާ ދެއްކުމަށް ހުކުމް ކޮށްފައެވެ.