އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ޔޫއޭއީ އާއި ތައިލޭންޑަށް މީހުން ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް، އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިގެ ހިދުމަތް ފުޅާކޮށް، އިތުރު ގައުމުތަކުން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އާސަންދަ ފުޅާކުރުމުގެ ވިސްނުން ހާމަކުރައްވައި ރައީސް ވިދާޅުވީ، އެ ހިދުމަތުގެ ދަށުން ވަކި ގައުމުތަކަކުން ބޭސްފަރުވާ ކުރެވެން އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އާސަންދަ އިން ބުނީ، މިވަގުތު އެ ހިދުމަތުގެ ދަށުން ރާއްޖޭން ބަލިމީހުން މިވަގުތު ފޮނުވަމުންދާ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އޫއޭއީ އާއި ތައިލޭންޑަށް ވެސް އެ ހިދުމަތުގެ ދަށުން ބަލިމީހުން ފޮނުވުމަށް ރައީސް ނިންމަވާފައިވާތީ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހަމަ އެހެންމެ އިންޑިއާ އާއި ސްރީލަންކާ ނޫން ގައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން ބޭނުންނުވާ ކަމަށް ބައެއް ނޫސްތަކުގައި ޖަހާފައިވާ ކަމަށާއި، އެއީ ހަގީގަތެއް ނޫން ކަމަށް ވެސް، އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

ޗައިނާ އިން އެނބުރި ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދަ ފުޅާކޮށް، މަދު ގައުމަކުން އެ ހިދުމަތް ލިބެން އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެ ކަން އިއުލާނުކުރެއްވުމުގެ އިތުރުން، ވަކި ގައުމަކުން ބޭސް އެތެރެކުރުން ނިމުމަކަށް ގެނެސް ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވެފައެވެ.