އާސަންދައިގެ ހިދުމަތް ފުޅާކޮށް އިތުރު ގައުމުތަކުން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާސަންދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ ހަމައެކަނި ވަކި ގައުމަކުން ނުވަތަ މަދު ގައުމަކުން ކަމަށް އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީއާ ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. ރާއްޖެއާ ދުރު އަދި ބައެއް ހިދުމަތްތައް އަގު ބޮޑު ގައުމުތަކަކަށް ވުމުން އާސަންދަ ދޭނީ ހުރުމުގެ ހަރަދާއި އެ ނޫން ކަންކަން ފަހިކޮށް ދިނުމަށް ފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ވަކި ގައުމަކުން ބޭސް އެތެރެ ކުރުން ނިމުމަކަށް ގެނެއުމަށް ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެ ކުރަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިރާދަކުރިއްޔާ ދެން އަަޅުގަނޑުމެން ގައުމަށް މާ ލަސްތަކެއް ނުވެ ބޭސް އެތެރެކުރާނީ ޔޫރަޕްގެ އެކިއެކި އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން. އެހެންވީމަ ވަކި ގައުމަކުން ބޭސް ގެނައުން ވެސް ނިމުމަކަށް އަންނާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބޭސްފަރުވާގެ ކަންކަމަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމު ކަމަށްވާ އިންޑިއާއި ދެމެދު ގުޅުން ހީނަރު ވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. އެއީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކުރި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދަށް ދެ ގައުމުގެ އާންމުން، ހާއްސަކޮށް އިންޑިއާ މީހުންގެ ނުރުހުން އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ބަޔާނެއް ނެރެ، މި ތިން ވަޒީރުން ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.