ގައުމިއްޔަތު މާއްދާގެ ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ފަށާނީ ގަރޭޑް 4 ގެ ކުދިންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ ގައުމިއްޔަތުގެ މާއްދާއެއް ދިވެހި ގައުމީ މަންހަޖުގައި އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ރާއްޖޭގެ ތައުލީމުގެ ތެރެއިން ތައުލީމީ ނިޒާމުގެ ތެރެއިން މުޖުތަމައުއަށް ނިކުންނަ ކޮންމެ ދަރިވަރަކީ ދިވެހި ގައުމުދެކެ ލޯބިވާ، ރިވެތި ހުލްގާއި ރިވެތި އަހުލާގު އަދި އިސްރަށްވެހިންނަށާއި މުދައްރިސުންނަށާއި އެންމެހާ ބޭފުޅުންނަށް އިހުތިރާމާއި ލޯތްބާއެކު މުޖުތަމައުގައި އުޅޭނެ ދަރިވަރުންތަކެއް ބިނާކުރުން ކަމަށެވެ. އަދި ދިވެހި ރާއްޖެ ދެކެ ފަހުރުވެރިވާނެ ފަދަ ދަރިންތަކެއް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކި އެކި މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތުގެ ބަހާތައް މިހާރުވެސް ހިމެނިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި މިކަން ކުރުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި މުޖުތަމައު މިއަށްދޭ އަހަންމިއްޔަތުކަން ބޮޑުވެ، މީގެ މަންފާކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަށް އަލިއަޅުއްވާލައްވާ ޝަފީއު ވިދާޅުވީ ކުރިން މާއްދާތަކުގައި ގައުމިއްޔަތު ބަހާތައް ހުރި މިންވަރު ދެނެގަނެވިއްޖެ ކަމަށާއި ހަދަންޖެހޭ ސީއުންސިންސްތަކާ އެއްޗެހި ހަދާ ނިމި، އާ މާއްދާއެއް ވުޖޫދުކުރުމުގެ މިނިސްކްރިޕްޓްތައް އުފައްދާލެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތަކީ މި މާއްދާގައި ކުރެވިފައި ހުރި މަސައްކަތް ޕައިލެޓް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ތިނެއް ނުވަތަ ހަތަރު ހަފްތާއެއްގެ ތެރޭގައި ޕައިލެޓް ކުރެވޭނެ ކަމަށާއި ޕައިލެޓްކޮށްފައި ލިބޭ ނަތީޖާއެއްގެ މައްޗަށް ބިނާކޮށް ކަރިކިއުލަމްގައި ރަސްމީކޮށް އެ މާއްދާ ހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ފަދަ މާއްދާއެއް އެކުލަވާލުމުގައި އެކި އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ހާއްސަ ގޮތެއްގައި ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލް މަންހަޖަށް މި މާއްދާ އެކުލަވާލާއިރުގައި ޓީޗަރުން ބިނާކުރުމާއި ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތުގައި މާއްދާތައް ސްކޫލް ތެރޭގައި ކިޔަވައިދެވޭނެ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މާއްދާގައި މި ޒަމާނާ ގުޅޭ މުހިއްމު ސިފަތަކާއި އުސޫލުތައް މީގެ ތެރޭގައި ހިމެނުމާއި އެ ހުރިހާ ކަމަކާ ގުޅުންހުރި ފަންނީ ބޭފުޅުންގެ މަޝްވަރާއާއި ލަފަޔާއި އިރުޝާދު ހިމެނިފައިވާނެ ކަމަށެވެ.