ދަރުމަވަންތަ ހޮސްޕިޓަލް ހުރި ސަރަހައްދުގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅައި އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް އެތަނަށް ބަދަލު ކޮށް ހިދުމަތް ފުޅާކުރަން ނިންމާފައި ވާކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ އައިޖީއެމްއެޗް އިމާރާތުގައި ކުރަން ޖެހިފައިވާ ބޮޑެތި މަރާމާތުގެ މަސައްކަތް ކުރެވޭނީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުރި ސަރަހައްދުގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން ނިންމާފައިވާކަން ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ދަންނަވަން ދަތިކަމަށެވެ. އެ އިމާރާތާ ގުޅޭ މަޝްވަރާތަށް މިހާރު ކުރިއަށްދާ ކަމަށާއި އެތަނުގައި ގާއިމް ކުރާނެ ހިދުމަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެ އިމާރާތް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ އިތުރު ވޯޑްތަކާއި ބެޑް އިތުރު ކުރުން ކަމަށް ހަލީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ހިދުމަތްދޭތާ 30 ހަކަށް އަހަރުވެފައި ވާކަން ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި ވެސް އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އާބާދީ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެހެން ކަމުން އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް ކޭޓާ ކުރެވޭ ވަރަށް ސިއްހީ ހިދުމަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަލީމް ވިދާޅުވީ ހިދުމަތް ފުޅާ ކުރެވޭނީ އާ އިމާރާތެއް އަޅައިގެން ކަމަށާއި އައިޖީއެމްއެޗް އިމާރާތް ބާވެފައިވީ ނަމަވެސް އިތުރު ގޮތެއް ނުހޯދާ އެ އިމާރާތް ތަޅާލައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އައިޖީއެމްއެޗްގައި ބައެއް މަރާމާތުގެ މަސައްކަތް މިހާރު ކުރަމުން ދިޔަ ނަމަވެސް މިހާރު ވެސް އިމާރާތް ބާވެފައި ހުރުމުގެ ސަބަބުން އެގޮތަށް ކުރާ މަސައްކަތަކުން ދާއިމީ ހައްލެއް ނުލިބޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދާއިމީ ހައްލެއް ލިބޭނީ އާ އިމާރާތް އަޅައި ބައެއް ހިދުމަތްތައް އެތަނަށް ބަދަލު ކުރެވުމުން ކަމަށާއި އައިޖީއެމްއެޗްގައި ހިދުމަތް ދެމުން މަރާމާތުގެ ކަންކަން ނުކުރެވޭނެ ހަލީމް ވިދާޅުވިއެވެ. އަދި އާ އިމާރާތް އެޅުމަށްފަހު، އައިޖީއެމްއެޗްގެ ބައެއް މަސައްކަތް އެ އިމާރާތަށް ބަދަލުކޮށް މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ.