އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ ރަތް ކަނޑުގައި ބައިނަލްއަގުވާމީ ޝިޕިންއަށް އަމާޒުކުރަމުން އަންނަ އީރާނާ ގުޅިފައިވާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށެވެ.

ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް އަށް ތާއީދުކުރާ ހޫތީން ވަނީ މި ހަމަލާތަކަކީ އަނިޔާވެރި ހަމަލާތަކެއް ކަމަށް ސިފަކޮށް އިޒްރޭލާ ދިމާލަށް ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުން ގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ދެމުންދާ ބައެއް ރިއެކްޝަންތަކުގެ ސަބަބުން މި ސަރަހައްދުގައި އިތުރަށް ނުތަނަވަސްކަން އުފެދިދާނެކަމުގެ ބިރު އެބައޮތެވެ.

އީރާން

"މި ހަމަލާތައް ދެނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓް ސަރުކާރުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް ފާއިތުވި ގާތްގަނޑަކަށް 100 ދުވަހުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން." ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ މި ހަމަލާތަކަކީ ޔަމަނުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާ ވަރަށް ބޮޑަށް ހިލާފު އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށެވެ.

ސައުދި އަރަބިއާ

ފޮރިން މިނިސްޓްރީން ވަނީ ހަމަލާތަކަށްފަހު ހަމަނުޖެހުން ބޮޑުވިޔަ ނުދިނުމަށް ގޮވާލައި، ވަރަށް ކަންބޮޑުވުމާއެކު ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

"ރަތް ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމުގެ މުހިންމުކަމަށް ސައުދީން ބާރު އަޅަނީ، އެ ސަރަހައްދުގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަކީ ބައިނަލްއަގުވާމީ ޑިމާންޑަކަށް ވާތީ." އެ ބަޔާނުގައި ވެއެވެ.

ތުރުކީ

މި ހަމަލާތައް ކުށްވެރިކުރައްވައި ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތުން މަސައްކަތް ކުރަމުން ދަނީ ރަތް ކަނޑު ލޭގެ މޫދަކަށް ހެދުމަށް ކަމަށެވެ.

އަދި މި ހުރިހާ އަމަލަކީ ވެސް ނުހައްގުން ބާރުގެ ބޭނުން ކުރުން ކަމަށާއި އިޒްރޭލުން ވެސް ފަލަސްތީނުގައި ބާރުގެ ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޯޑަން

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިއުމާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވުން ފަދަ ކަންކަމަކީ މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުގެ ޒިންމާ އިޒްރޭލުން އުފުލަންޖެހޭ ކަމެއް ކަމަށެވެ.

އަދި ބައިނަލްއަގްވާމީ މުޖުތަމައު އޮތީ އިންސާނީ، އަހްލާގީ، ގާނޫނީ އަދި ސަލާމަތީ މައިދާނުގައި ކަމަށް ވިދާޅުވިއެވެ. "އިޒްރޭލުން ޒިންމާ އުފުލާ، އިޒްރޭލުގެ ހަމަލާތައް ނިމުމަކަށް ގެނެސް އާންމުން ހިމާޔަތްކުރަން ޖެހޭ."

ނޭޓޯ

"މި ހަމަލާތަކަކީ ދިފާއީ ހަމަލާތަކެއް. މިއީ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުމަގުގައި ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ފަރުމާކޮށްފައިވާ ހަމަލާތަކެއް. ހޫތީންގެ ހަމަލާތައް ހުއްޓާލަން ޖެހޭ." އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު ވިދާޅުވިއެވެ.

"ހޫތީ ސިފައިންނަށް އީރާނުން ތާއީދުކޮށް، ސަޕްލައިކޮށް، ވަސީލަތްތައް ފޯރުކޮށްދޭ. އެހެންވީމަ ތެހެރާނުގެ ޕްރޮކްސީތައް ކޮންޓްރޯލް ކުރުމަކީ ހާއްސަ ޒިންމާއެއް." ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަމަލާގައި ނޭޓޯގެ ބައިވެރިވުމެއް ނެތް ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތް އެ އިއްތިހާދުގައި ހިމެނޭއިރު، ނޭޓޯގެ އިތުރު ދެ ގައުމެއް ކަމަށްވާ ނެދަލޭންޑްސް އާއި ކެނެޑާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިޒްބުއްލޯ

އީރާނާއި ހޫތީންގެ ބައިވެރިއެއް އަދި ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުއްލޯ އިން ބުނީ އެމެރިކާގެ ހަމަލާތަކުން ވޮޝިންޓަނުން އިޒްރޭލާއެކު "ފުލް ޕާޓްނަޝިޕެއް" އޮތްކަން ޔަގީންވާ ކަމަށެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒާއާއި އެ ސަރަހައްދުގައި ޒަޔަނިސްޓް ދުޝްމަނުން ހިންގާ ހިތާމަވެރި ހާދިސާތަކާއި ޖަރީމާތަކުގައި އެމެރިކާ އަކީ ފުރިހަމަ ބައިވެރިއެއް ކަމަށެވެ.

ހަމާސް

މި ހަމަލާތައް ކުށްވެރިކޮށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގެ ސަބަބުން ސަރަހައްދުގެ ސަލާމަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ޒިންމާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސަރުކާރުން އުފުލާނެ ކަމަށެވެ.

ފަލަސްތީނުގެ އިސްލާމީ ޖިހާދު

ގާޒާއަށް ނިސްބަތްވާ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނީ މި ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ ސަރުކާރުން ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާ ހިންގަމުންދާކަން ސާބިތުވާ ކަމަށެވެ.

"ގާޒާއާއި ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ތެދުވި ޔަމަނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް ބަލައިނުގަނެ ފިޔަވަޅު އެޅުމަށް އަރަބި އަދި އިސްލާމީ ގައުމުތަކަށް ގޮވާލަން."

ރަޝިއާ

ރަޝިޔާއިން ބުނީ މި ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށާއި، ހޫތީން ޝިޕިން ލޭންތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ގަރާރުގެ ނާޖާއިޒު ފައިދާ ނަގަނީ ގޯސްކޮށް ކަމަށެވެ.

"އެމެރިކާއިން ޔަމަނަށް ދިން ވައިގެ ހަމަލާތަކަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އެންގްލޯ-ސެކްސަންސް އިން ފުރައްސާރަ ކުރި ކަމުގެ އިތުރު މިސާލެއް." ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ވިދާޅުވިއެވެ.

ޒަހަރޯވާ ވިދާޅުވީ މި ހަމަލާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް މުޅިން އިހުމާލުވުން ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

ފްރާންސް

ފަރަންސޭސިވިލާތުން ވަނީ ރަތް ކަނޑުގެ ވިޔަފާރި އުޅަނދުތަކަށް ހޫތީން ދިން ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

ފަރަންސޭސި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަތިޔާރުއެޅި ފިޔަވަޅުތަކާއެކު ހޫތީން ވަނީ މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވަރަށް ސީރިއަސް ޒިންމާ އުފުލާފައެވެ.

ޖަރުމަން

ޖަރުމަނުގެ ހާރިޖީ ވުޒާރާއިން ބުނީ މި ހަމަލާތަކަކީ އިތުރު ހަމަލާތައް ނުދިނުމަށް ދިން ހަމަލާތަކެއް ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ނުތަނަވަސްކަން ކުޑަކޮށް، ރަތް ކަނޑުގެ ހަމަޖެހުން ގާއިމުކުރުން." އެކްސްގައި އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ބެލްޖިއަމް

ބެލްޖިއަމްގެ ހާރިޖީ ވަޒީރު ހަދްޖާ ލަހްބިބް އެކްސްގައި ވިދާޅުވީ، ރަތް ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން އަލުން އިއާދަކުރުމަށާއި، ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާގެ ޕާޓްނަރުންނާއެކު ބެލްޖިއަމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހޫތީން މިހާރު ދެމުން ގެންދާ ހަމަލާތަކަކީ މި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ހަގީގީ ނުރައްކަލެއް. އެކަމުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނެ." އެކަމަނާ ލިޔުއްވާފައިވެއެވެ.

ނެދަލޭންޑްސް

"އެމެރިކާ-އިނގިރޭސިންގެ މި ފިޔަވަޅަކީ އަމިއްލަ ދިފާއުގައި ލިބިދޭ ހައްގުގެ މައްޗަށް ބިނާކޮށް، މިނިވަންކަމާއެކު ދަތުރުކުރުން ހިމާޔަތް ކުރުމުގެ މަގްސަދުގައި ހިންގާ ފިޔަވަޅެއް ކަމަށާއި، އެ ފިޔަވަޅަކީ ޑީ-އެސްކޭލޭޝަން އަށް އަމާޒުކޮށްގެން ހިންގާ ފިޔަވަޅެއް ކަމަށް ބޮޑުވަޒީރު މާކް ރުޓޭ ވިދާޅުވިއެވެ. "ކަނޑުދަތުރުކުރާ ގައުމެއްގެ ގޮތުގައި ދިގު ތާރީހެއް އޮތް ނެދަލޭންޑްސްއިން ހިލޭ ދަތުރުކުރުމުގެ ހައްގަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދީ، މި ޓާގެޓެޑް އޮޕަރޭޝަނަށް ތާއީދުކުރޭ."

ޑެންމާކް

ޑެންމާކުގެ ހާރިޖީ ވަޒީރު ލާސް ލޮކްކޭ ރަސްމުސެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާއާއި އިނގިރޭސިންގެ ހަމަލާތަކަށް ޑެންމާކުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އޮމާން

އޮމާންއިން ވަނީ ރަހުމަތްތެރި ގައުމުތަކުގެ އަސްކަރީ ފިޔަވަޅު ކުށްވެރިކޮށްފައެވެ. ހާރިޖީ ވަޒީރު ބަދުރު އަލްބުސައިދީ ވިދާޅުވީ މި ހަމަލާއަކީ އެގައުމުގެ ލަފަޔާ ހިލާފަށް ދިން ހަމަލާއެއް ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ހާލަތަކަށް ކަންތައް ގޮސްދާނެ ހަމަލާއެއް ކަމަށެވެ.

އެމެރިކާގެ ސެނެޓްގެ ރިޕަބްލިކަން ޕާޓީގެ ލީޑަރު މިޗް މެކްކޮނެލް

މެކޮނެލް ވަނީ ރަތް ކަނޑުގެ ބައިނަލްއަގްވާމީ ވިޔަފާރީއަށް ހަރުކަށި ގޮތެއްގައި ހުރަސް އެޅުމާއި އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ޒިންމާ އުފުލަން ޖެހޭ އީރާނަށް ތާއީދުކުރާ ހޫތީ ޓެރަރިސްޓުންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ހިންގާ އޮޕަރޭޝަންތަކަށް މަރުހަބާ ވިދާޅުވެފައެވެ.

"އީރާނުގެ މި ޕްރޮކްސީތަކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރަން ރައީސް ބައިޑަން ނިންމެވި ނިންމެވުމަކީ ދިގުލައިގެން ގޮސްފައިވާ ނިންމުމެއް. އަޅުގަނޑު އުންމީދު ކުރަނީ މި އޮޕަރޭޝަންތަކަކީ ބައިޑަންގެ ސަރުކާރުން އީރާނާއި އެގައުމުގެ ޕްރޮކްސީތަކާ މެދު ދެކޭ ގޮތް ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުވެގެން ދާނެ އޮޕަރޭޝަންތަކެއް ކަމަށް." އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޑިމޮކްރެޓިކް މަންދޫބު ރޯ ކަންނާ

ކަންނާ ވިދާޅުވީ ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަމަލާއެއް ދިނުމުގެ ކުރިން ރައީސް ޖޯ ބައިޑަން ކޮންގްރެސްއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށާއި މެދުއިރުމަތީގެ އިތުރު ހަމަނުޖެހުމެއްގައި އެމެރިކާ ބައިވެރިކުރަން ނުޖެހޭ ކަމަށެވެ.

"އެއީ ގާނޫނު އަސާސީގެ ފުރަތަމަ މާއްދާ. ޑިމޮކްރެޓިކް ނުވަތަ ރިޕަބްލިކަން ބޭފުޅަކު ވައިޓް ހައުސްގައި ހުންނެވި ނަމަވެސް އެކަމަށް ތެދުވާނަން."

އެމެރިކާގެ ޑިމޮކްރެޓިކް މަންދޫބު ވަލް ހޮއިލް

ހޮއިލް ވިދާޅުވީ ވައިގެ ހަމަލާތަކަކީ ކޮންގްރެސްއިން ހުއްދަ ދީފައިވާ ހަމަލާތަކެއް ނޫން ކަމަށެވެ.

"ގާނޫނު އަސާސީ ވަރަށް ސާފު. ބޭރުގެ ހަމަނުޖެހުންތަކުގައި އަސްކަރީ ބައިވެރިވުމުގެ ހުއްދަ ދިނުމުގެ ހަމައެކަނި ބާރު އޮތީ ކޮންގްރެސް އަށް. ކޮންމެ ރައީސަކު ވެސް އެންމެ ފުރަތަމަ ކޮންގްރެސްއަށް އައިސް ވަކި ޕާޓީއަކަށް ބެލުމެއް ނެތި އަސްކަރީ ހުއްދައަށް އެދެން ޖެހޭ."

އިނގިރޭސި ވިލާތުގެ މެމްބަރު ޖެރެމީ ކޯބިން

އިނގިރޭސި ވިލާތުގެ ޕާލަމެންޓް މެމްބަރު އަދި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ އަސްކަރީ ފިޔަވަޅަކީ އިތުރު މަރުތަކާއި ތަކުލީފުތައް ކުރިމަތިވާނެ ފަދަ ހަރުކަށި ފިކުރުގެ ފަރުވާކުޑަ އަމަލެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާވެސް ނުލިބުމަކީ ވަރަށް ދެރަކަމެއް. އަހަރެމެންގެ ގޯސްތަކުން އިބްރަތް ހާސިލުކޮށް ހަނގުރާމައަކީ ޖަވާބެއް ނޫންކަން ދެނެގަންނާނީ ކޮންއިރަކުންތޯ؟" ކޯބިން އެކްސްގައި ލިޔުއްވާފައިވެއެވެ.

އިނގިރޭސި ވިލާތުގެ މެމްބަރު ޑިއާން އެބޮޓް

އިނގިރޭސި ވިލާތުގެ ޕާލަމެންޓްގެ މިނިވަން މެމްބަރު ޑިއާން އެބޮޓް ވިދާޅުވީ ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ތާއީދު ކުރަންޖެހޭ މި ދަނޑިވަޅުގައި އޭގެ ބަދަލުގައި ހޫތީންނާ ދެކޮޅަށް އެމެރިކާއަށް ތާއީދު ކުރުމަށް ޖެޓް ފައިޓަރުން ފޮނުވަމުން އަންނަ ކަމަށެވެ.

"ޕާލަމެންޓުގެ ރުހުމެއް ނެތި ދޭ މި ހަމަލާތައް ނިމޭނެ ގޮތެއް ވެސް ނޭނގޭ" އެބޮޓް އެކްސްގައި ވިދާޅުވިއެވެ.