ފެންބޮޑުވެފައިވާ މަގުތަކުން ފެންހިންދާ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަަށައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ވަނީ ރެއާއި މިއަދު ވަރަށް ބޯކޮށް ވިއްސާރަވެހި، މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ބައެއް ގެތަކުގައި ވެލި ބަސްތާ ޖެހުމާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުންނާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ކުރަމުންނެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ބަަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފްއިން ބުނީ އާޓިފިޝަލް ބީޗު ކައިރިން ޖެލީ ސަރަހައްދުންނާއި ނަސަންދުރަ ސަރަހައްދުން ވަރަށް ބޮޑަށް ފެން ހިނދިފައިވާ ކަމަށެވެ.

އޭގެ އިތުރުން ‏މޫސުމް ގޯސްވެ، ވައިގަދަވުމާއި ގުޅިގެން ޓީވީއެމް ކައިރީގައި ހުރި ގަހެއް ވެއްޓިފައިވާއިރު ސިޓީ ކައުންސިލުން ބުނީ އެ ގަސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިހާރުވެސް ވަނީ މާލެ ހިމެނޭހެން ކ އަތޮޅުން ފެށިގެން ދ އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ. މިއަދު މެންދުރުފަހު 2:30 އިން އިރުއޮއްސި 6 ގެ ނިޔަލަށް އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފައިވާއިރު މެޓުން ބުނީ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދ.ކުޑަހުވަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން، އެ ރަށު ފެން ވަންނަ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.