ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހޯދައިގަތުމުގައާއި ކުރިއަށް ދިޔުމުގައި އަމިއްލަ ސިޔާސަތުތައް ރާއްޖެއިން ކުރިއަށް ނެރުމަކީ ގަބޫލު ކުރައްވާ ހަމައެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވިދާޅުވެއްެޖެއެވެ.

ފެށިގެން މިދާ އަހަރު ގައުމެއްގެ ވެރިއަކަށް، އެންމެ ފުރަތަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ދެއްވާ، ހާއްސަ މެހެމާނު ދާރީއާއެކު ޗައިނާއިން ޝީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައި ވާ އިރު، ދެގައުމުގެ ދެމެދުގައި ހުރިހާ ދާއިރާ އަކުން ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިޔުމަށް ދެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިމަހުގެ 8 އިން 12 އަށް ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވަނީ 20 އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއު ތަކާއި، އިގުތިސޯދީ ދާއިރާގެ މަޝްރޫއު ތަކާއި، ގްރީން އެނާޖީ ]ތިމާވެއްޓާ ރައްޓެހި ހަކަތަ" ނުވަތަ ފެހި ހަކައިތައިގެ ދާއިރާއިންނާއި، ޓެކްނޮލޮޖީއާއި އައިޓީގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ސިނާއީ އެކިއެކި މަސައްކަތްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.

ހާއްސަ ގޮތެއްގައި، އައްޑޫގައި ހެދުމަށް ނިންމާފައި ވާ ބްރިޖާއި 65،000 މީހުންގެ ބޯހިޔާވަހިކަމަށް ފައްކާ ކުރާ "ރަސް މާލެ" މަޝްރޫއަށް ބޭނުންވާ 30،000 ހައުސިން ޔުނިޓު އަޅައިދިނުމާއި، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެއްބަސްވެފައި ވެއެވެ.

ދެގައުމުގެ ވެރިން ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައި ވާ އިރު، ޗައިނާގައި ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ދިނުމަށް ވެސް ޝީ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މުއިއްޒު ވަނީ، ޗައިނާއިން ގެންގުޅޭ 'ވަން ޗައިނާ" ޕޮލިސީއަށް ފުރިހަމައަށް އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވެ ދެގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދަވާ އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކޮވިޑްގެ ކުރިން ޗައިނާ އަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމު ކަމަށާއި، ކޮވިޑާ އެކު އައި މަޑުޖެހުން ނިމި ކުރިން އައި އަދަދަށް ވުރެ އިތުރަށް އައުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މުއިއްޒުގެ ޗައިނާ ދަތުރުފުުގައި ޗައިނާގެ އިންވެސްޓަރުންނާވެސް ބައްދަލު ކުރައްވާފައި ވާ އިރު، ވިދާޅުވީ، "ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ" ކަމަށެވެ. އެގޮތުން ރާއްޖޭގެ މިވަގުތުގެ އަމާޒަކީ މިހާރު އޮތް 6 ބިލިއަން ޑޮލަރުގެ ޖީޑީޕީ ދެގުނަ ކުރައްވައި 12 ބިލިއަން ޑޮލަރަށް ހެއްދެވުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މުއިއްޒު ޗައިނާ އަށް ވަޑައިގަތުމުން 21 ބަޑީގެ ސެލިއުޓެއް އަރުވާ، ރަތްދޫލައިގެ މަރުހަބާ އެއް ވަނީ ކިޔާފައެވެ.