"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް މާދަމާ ފްލެޓް ދޫކުރާ ކަމަށް ބުނެ ފެތުރެނީ ސައްހަ ވާހަކައެއް ނޫން ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

އެ ފަދަ ހަބަރެއް އެ މިނިސްޓްރީން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރެއްވިއިރު ވިދާޅުވި ފަދައިން ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވަނީ އޭސީސީއިން މި ސްކީމާ ގުޅޭ މަސައްކަތް ހުއްޓާލުމަށް މި މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށެވެ.

އެކަމާގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީއިން އެ މައްސަލަ ބަލާ، އެ މިނިސްޓްރީއަށް ފޮނުވުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން މިހާރުވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.