އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމު ކޮށްފިއެވެ.

އެ ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ އެއްވެސް ޝަކުވާ އެއްވާނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރަޖިސްޓްރީ ވެފައިވަނީ ކޮންތަނެއްގައި ކަން އެސްއެމްއެސްގެ ޒަރިއްޔާ އިން ވެސް ބަލާލެވޭނެއެވެ. އެސްއެމްއެސްގެ ޒަރިއްޔާއިން ބަލާލުމަށް: (VR space IDNO Send to 1414)

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،337 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282,804 މީހަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އީސީއިން ބުނީ، އެ ގޮތަށް ނިންމާފައި ވަނީ މަޖިލިސް އިންތިހާބު ރަމަޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ކިޔެވުން ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނު ދުވަސްތަކަށްވުމާއެކު ސްކޫލުތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި އީސީއަށް އެކަށީގެންވާ ތަންތަން ނުލިބޭނެެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.