މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް އަބޫބަކުރު ޕީއެމްއެފްއަށް ސޮއިކުރައްވައިފިއެވެ.

އިބްރާހީމް އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓުގައެވެ.

އެ ޕާޓީއިން ވަކިވެވަޑައިގެން އިބްރާހީމް ވިދާޅުވީ މިއަދު މިހާލަތަށް އައި އިރު ޕާޓީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ރައީސް ޔާމީންގެ ފޮޓޯއާއި ހުސްގޮނޑިގައި ނަން ޖައްސަވައިގެން އެމަނިކުފާނު މިނިވަންކުރަން އައި ސަރުކާރުން މިހާ ހިސާބަށް އައި އިރު އެމަނިކުފާނު މިނިވަންކޮށްފައިނުވާ ކަމަށެވެ.

އިބްރާހީމް ވިދާޅުވީ ކައުންސިލްގެ ތެރޭގައި ކަންކަން ހިންގަމުންދަނީ ކައުންސިލުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީއާ މިއަދުން ފެށިގެން މަސައްކަތް ކުރަމުންދާނީ ޕީއެންއެފްއާއެކު ކަމަށެވެ.

އިބްރާހިމް ޕީޕީއެމްއިން ވަކިވެ ޕީއެންއެފްއާ ގުޅިވަޑައިގެންފައިވާއިރު މީގެ ދެ ދުވަސްކުރިން މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އާއިޝަތު ނާޒިމާ ވެސް ވަނީ ޕީޕީއެމްއިން ވަކިވެ ޕީއެންއެފްއާ ގުޅިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދާ ޕީއެންއެފްގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.

ޕީއެންއެފް އުފެއްދުމުގެ ކަންކަން މިހާރު ކުރިއަށްގެންދާއިރު އެ ޕާޓީއިން ބުނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާނީ ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނެ ގޮތަށް ކަމަށެވެ.