މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ މައި އިދާރާ މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގައި ބުނެފައި ވަނީއެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

އެ ސަމާލު ނެރެފައިވަނީ މިރޭ 20:00 އިން ފެށިގެން މިރޭ މެންދަމު 00:00 ނިޔަލަށެވެ. މިހާރު މި ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވާން އެދެފައެވެ.

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާއެކު ސިފައިން ވަނީ ދުރާލާ ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުންވެސް މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ދާދި ފަހުން މި މަހުގެ 1 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެދުވަހުގެ ވިއްސާރަ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ގޭގެ ސްޓްރަކްޗާ (އޮނިގަނޑު) އަށް ގެއްލުން ލިބުނު 34 ގެއަކަށް ގެއްލުން ވެފައިވާއިރު ގޭގައި ބޭނުން ކުރާ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ 65 ގެއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިރުވައި މޫސުމުގެ މި ވިއްސާރާގައި މާލޭގެ އިތުރުން، ވެލާނާ އެއާޕޯޓާއި ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތަކުގައި ވެސްފެން ބޮޑުވެ، ދަތުރުފަތުރު ކުރުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމަށްވެސް ނިކުމެފައެވެ.