ނިމިދިޔަ ސަރުކާރުން ބާރުތައް ކުރީ ލާމަރުކަޒު ނޫން ކަމަށާއި ކުރީ މަރުކަޒު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީއިން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ގާނޫނުގެ "ޗެމްޕިއަންކަން" މި ނަން ޑިމޮކްރަސީގައި ހޯދަމުން އަންނަ އަދި ހުއްޓުމެއް ނެތި ޒަމާންތަކެއް ވަންދެން މި ވާހަކަ ތަކުރާރުކޮށް މަގުމަތީ ދައްކަމުން އައި ބައެއް ކަމަށެވެ. ނަމަވެސް އެބަޔަކަށް ވެރިކަން ލިބި ދައުލަތުގެ އާރާއި ބާރު އެހެން ވެރިކަމަކަށް ނުލިބޭ ވަރަށް ލިބުނީމާ ކަން ކުރެއްވި ގޮތް ބެލުމަށް ނައިބު ރައީސް ގޮވާލައްވައިފިއެވެ.
އެ ކަމުގެ މިސާލެއްގެ ގޮތުން މާލެ ސިޓީ އަދި ރާއްޖޭގެ ރަށްތަކުގެ ހާލަތު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ނިމިދިޔަ ވެރިކަމުގައި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިނުވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެންމެ ބިމެއް ވެސް ރައްޔިތަކަށް ދޭން ކައުންސިލަށް ހުއްދަ ނުދިން ކަމަށާއި ކައުންސިލްތަކަށް ދޭންޖެހޭ އެ ބާރު އޮތީ ހުއްޓުވާފައި ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހުރިހާ ބާރެއް ކުރީ ލާމަރުކަޒެއް ނޫން ކަމަށާއި ކުރީ މަރުކަޒު ކަމަށެވެ. އަދި ލާމަރުކަޒީ ދަންނަ ގޮތަކީ އެއީ ނޫން ކަމަށާއި ޗެމްޕިއަނުން މަސައްކަތް ކުރާނެ ގޮތަކީ އެއީ ނޫން ކަމަށެވެ.
ޑިމޮކްރަސީގެ ޗެމްޕިއަނުން މަސައްކަތް ކުރާ ގޮތަކީ ބާރު ލިބުނީމުން އެ ހުރިހާ ބާރެއް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ދޫ ކުރުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ވައުދުވެވަޑައިގެންނެވި ގޮތަށް ލާމަރުކަޒީ ނިޒާމުގެ އަސްލު މާނައިގައި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތައްޔާރަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން ހުރިހާ ބާރެއް ސިޓީ ކައުންސިލަށް ދޫކޮށްލާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވެފައި ވާއިރު، ރައީސް މުއިއްޒު ވައުދުތައް ތަރުތީބުން ވައުދުވެވަޑައިގެންނެވި ގޮތަށް ކުރައްވަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނަށް ބާރު އަޅުއްވަނީ މީޑީއާއާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.
ގޯހެއް ހެދުނަސް އެ ގޯހަކީ ކޮބައިކަން ރައްޔިތުންނަށް ކިޔައިދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށާއި މިއީ ހެދޭ ގޯސްތައް ފޮރުވާނެ ސަރުކާރެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.