އިޒްރޭލުން ގާޒާގެ 23،000 މީހުން ޝަހީދު ކޮށްލައި 60،000 އެއްހާ މީހުން ޒަހަމް ކޮށްލާފައި ވާ އިރު، މަރުވި މީހުންގެ އަދަދު މާމަތިވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް ހަމަލާތައް ހުއްޓާލަން ގޮވާލައްވާކަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަކަށް ކެރިވަޑައެއް ނުގަތެވެ.

ހަނގުރާމަ ފެށިފަހުން އިޒްރޭލަށް ކުރައްވާ 4 ވަނަ ދަތުރުގައި އިޒްރޭލަށް ވަޑައިގެން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ވިދާޅުވީ، ހަނގުރާމައަކަށް ބަލާފައި މަރުވި މީހުންގެ އަދަދު މާބޮޑަށް ވެސް މަތިވެއްޖެ ކަމަށާއި ހާއްސަކޮށް ކުޑަކުދިން މަރުވި އަދަދު މާބޮޑަށް ވެސް މަތި ކަމަށެވެ.

ނަމަވެސް ހަމަލާތައް ހުއްޓާލަން ގޮވާލަން އޭނާ އަށް ކެރިވަޑައި ނުގަން އިރު، ވިދާޅުވީ، އިޒްރޭލާއެކު އެއްބަސްވެވުނީ ގާޒާގެ އުތުރުގެ ހާލަތު ދެނެގަތުމަށް އދ ގެ މިޝަނެއް އެތަނަށް ފޮނުވުމަށް ކަމަށެވެ. އަދި އެކަން ކުރަން ވަގުތު ނަގާނެ ކަމަށާއި، ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ނޫނީ އެކަން ކުރިއަށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ، ގާޒާއަށް ބޭނުންވާ އެހީ ލިބުމަށް އިޒްރޭލުން ހުރަސް އަޅާފައި ވާތީ އެ ހުރަސްތައް ނައްތާލުމަށް ގޮވާލައްވާފައެވެ. އަދި ގާޒާއިން ބޭރަށް ހަމަލާތައް ފުޅާވެގެން ދިޔުމަކީ ސަރަހައްދުގެ ގައުމުތަކުން [އަރަބީން] ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އިޒްރޭލާއެކު ސުލްހަވެގެން ތިބެން އަރަބި ގިނަ ގައުމުތަކުން ރުހޭ ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާ އާ ގުޅިގެން އިޒްރޭލުން ފެށި އުދުވާނާ ހެދި އަރަބި ބައެއް ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލި ނަމަވެސް އަލުން މަޝްވަރާތައް ފަށަން އެގައުމުތަކުން ވެސް ތައްޔާރު ކަމަށް ބްލިންކަން ވިދާޅުވިއެވެ. އެއީ ހަނގުރާމަ ފުޅާވެ ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވާން އެފަރާތްތަކުން ނޭދޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އޭނާ ވަނީ، "2 ސްޓޭޓް ސޮއިލުޝަން" [އިޒްރޭލު ދައުލަތް އޮތް ގޮތަށް ފަލަސްތީންގެ ދައުލަތް] ގާއިމު ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެއީ ދުރު މުސްތަގުބަލުގެ ސުލްހަ ޔަގީން ކުރެވޭނެ ގޮތް ކަމަށެވެ. ނަމަވެސް އެކަމުގައި ނަތަންޔާހޫ އެއްބަހެއް ނުވެއެވެ. އޭނާ ބުނެފައި ވަނީ، ފަލަސްތީންގެ ދައުލަތް ގާއިމު ނުކުރެވޭނެ ކަމަށާއި އެއީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށެވެ.

އިޒްރޭލުން ގާޒާގައި ހިންގާ އުދުވާނުތައް ކުށްވެރިކޮށް ބަލައި ދިނުމަށް ދެކުނު އެފްރިކާއިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ. ބްލިންކަން ވިދާޅުވީ، އެ މައްސަލަ އަކީ ބުރަދަނެއް ހުރި މައްސަލައެއް ނޫން ކަމަށެވެ.

ބްލިންކަން އިތުރަށް ވިދާޅުވީ، ގާޒާގެ 90 ޕަސެންޓް މީހުން ބަނޑަށް ޖެހިފައި ވާ ކަމަށް އދ ގެ އިދާރާތަކުން ބުނާ ކަމަށާއި ހައިހޫނުކަމުގެ އިތުރުން ކުޑަކުދިން މަރުވެގެން ގޮސްފައި ވާ އަދަދުތަކަކީ ހަނަގުރާމައެއްގައި މާ މަތީ އަދަދުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ހަމާސްގެ އައިޑިއަލޮޖީ ނުވަތަ ހަމާސް ވަނީ ގާޒާގެ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ކަމަށާއި، ހަމާސް ނައްތާލުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.