ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ލަފާކޮށް ސަމާލުވާން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު މިހާރު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ކަމުން އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވާން އެދެފައެވެ.

ދާދި ފަހުން މި މަހުގެ 1 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެދުވަހުގެ ވިއްސާރަ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ގޭގެ ސްޓްރަކްޗާ (އޮނިގަނޑު) އަށް ގެއްލުން ލިބުނު 34 ގެއަކަށް ގެއްލުން ވެފައިވާއިރު ގޭގައި ބޭނުން ކުރާ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ 65 ގެއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިރުވައި މޫސުމުގެ މި ވިއްސާރާގައި މާލޭގެ އިތުރުން، ވެލާނާ އެއާޕޯޓާއި ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތަކުގައި ވެސްފެން ބޮޑުވެ، ދަތުރުފަތުރު ކުރުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމަށްވެސް ނިކުމެފައެވެ.