ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާއި ފުލުހުންގެ އާ ކޮމިޝަނަރު އަލީ ޝުޖާއު ބައްދަލުކުރައްވައި، ގޭންގު ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް އެ އޮފީހާއި ފުލުހުންގެ އިދާރާ އިން ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.

މިގޮތުން މި މަޝްވަރާގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށާއި، ގޭންގު ކުށްތަކާއި މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް މީހުން ކުރާ އަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުން ފަށަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ޝުޖާއު ޝަމީމަށް ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވަނީ:

  • ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ދިނުމާ ބެހޭ ގޮތުން
  • ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން
  • ދެ އިދާރާގެ މުވައްޒަފުން ތާޒާކުރުމަށާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުން

މި ކަންކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޝަމީމް ވަނީ ދެއްވައިފައެވެ.