މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑެންސުން 2016 ވަނަ އަހަރު ފްލެޓެއް ބައްލަވައިގަތުމަށް ނެންގެވި ކަމަށް ބުނާ 1.96 މިލިއަން ރުފިޔާ ނުދައްކަވައިގެން ކޯޓަށް ހާޒިރުވާން އަންގައި ހަދާފައި ވަނީ ވަގު ޗިޓެއް ކަމަށް ބުނެ، އެ ޗިޓު ހެދި ވަކީލުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި 'ޗެމްބާޒް އިން'ގެ މެނޭޖިން ޕާޓްނަރު އަދި ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު ވިދާޅުވީ، އެ ލޯ ފާމްގެ ކްލައެންޓެއް ކަމަށްވާ 'ޕްލެޓިނަމް ރިއަލް އެސްޓޭޓް' ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައެއްގެ ވަގު ޗިޓެއް އެ ފާމުގެ ވަކީލަކު ހެދި މައްސަލައެއް އެ ލޯ ފާމްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކަން ހިނގި ގޮތުގެ ތަފްސީލު ހާމަކުރައްވައި ހަސަންގެ ސިޓީގައި ވިދާޅުވީ:

  • 'ޕްލެޓިނަމް ރިއަލް އެސްޓޭޓް' ކުންފުނިން އާޒިމާގެ މައްޗަށް މަދަނީ ދައުވާއެއް ކުރަން ނިންމައި، މައްސަލަ ހަވާލުކުރީ އެ ލޯ ފާމްގެ ގާނޫނީ ވަކީލެއް ކަމަށްވާ އަހްމަދު ސަމީރު، ގުރަހަ / މ. ކޮޅުފުށި، އާ ކަމަށް
  • އެ މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓަށް އެހުމުން، މާދަމާ އަށް ހުކުމްކުރުމަށް ތާވަލުކޮށްފައިވާ ކަމަށް ސަމީރު ބުނި ކަމަށާއި، ޗިޓުގެ ކޮޕީއަކަށް އެދުމުން އެ ދުވަހު ހެނދުނު 11:05 ގައި ޗިޓަކާއި ދައުވާ ފޯމު ފޮނުވި ކަމަށް
  • އެ ޗިޓުގައިވާ ގޮތުން މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މާދަމާ 10:30 އަށް ކަމަށާއި ޗިޓުގެ ތާރީހަކަށް ޖަހާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ކަމަށް
  • ނަމަވެސް ސަމީރު ވަނީ ވައިބާކުރި ޗިޓާއި ދައުވާ ފޯމު ޑިލީޓުކޮށްފައި ކަމަށް

މި ކަމުގައި ސަމީރުގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވޭތީ އޭނާ އާ ސުވާލުކުރަން ބެލިއިރު އޮފީހަށް މިއަދު ހާޒިރުނުވާ ކަމަށާއި، ފާމުގެ ވަކީލުންގެ ހާޒިރުގައި އޭނާ އާ ވާހަކަ ދެއްކުމުން ބުނީ، އެ މައްސަލަ މާދަމާ އަށް ތާވަލުކުރި ގޮތަށް ދާނެ ކަމަށާއި، އިތުރު ތަފްސީލެއް ނޭނގޭ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓަށް ގުޅުމުން އެ ކޯޓުގެ އޮފިސަރު ވަނީ އެއީ ވަގު ޗިޓެއް ކަމަށާއި، އެފަދަ މައްސަލައެއް ނެތް ކަމަށް ބުނެ މައުލޫމާތު ދީފައި ކަމަށް، ސައީދުގެ އެ ސިޓީގައިވެއެވެ.

އެހެންކަމުން، ސަމީރު ފޮނުވި ވަގު ޗިޓާއި ކަން ހިނގިގޮތުގެ އިތުރު ތަފްސީލު މި ސިޓީގައި ހިމެނޭނެ ކަމަށާއި، މި މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށް، ހަސަން ވިދާޅުވިއެވެ.

ވީމާ 'ޗެމްބާޒް އިން' ފާމުގެ ފަރާތުން ސަމީރު ވަކާލާތުކުރާ ހުރިހާ މައްސަލަތަކުން އޭނާ ވަކިކޮށްފައިވާތީ އޭނާ އާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، ކޯޓުން ފެންނަ ގޮތަކަށް އަމަލުކުރުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ އަންގާރަ ދުވަހު އޮންލައިން ނޫސް 'ދައުރު'ން ވަނީ، މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑެންސުން 2016 ވަނަ އަހަރު ބައްލަވައިގެންނެވި ފްލެޓު ގަތުމަށް އެ ތަން ހެދި 'ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް' ކުންފުނިން އޭނާ އަށް ދިން 1.96 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ ކަމަށް ބުނެ ހަބަރެއް ޝާއިއުކޮށްފައެވެ.

ހަމަ އެ ދުވަހުގެރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމާ ވިދާޅުވީ، 'ދައުރު' ނޫހުން ޝާއިއުކުރި ހަބަރުގައިވާ ވާހަކަތަކަކީ އޭނާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ޖަހާފައިވާ ވާހަކަތަކެއް ކަމަށެވެ. ހަމަ އެހެންމެ އޭނާ ބައްލަވައިގެންފައިވާ ފްލެޓަކީ މޯގޭޖުކޮށްފައިވާ ފްލެޓެއް ކަމުން ފައިސާ ނުދައްކައިފިނަމަ ވެރިފަރާތަށް އަތުލެވޭނެ ކަމަށާއި، ދައުވާ ކުރި ފަރާތުން އޭނާ ފްލެޓަށް ފައިސާ ދައްކާފައިވާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގައި އާޒިމާ ވަނީ، 'ދައުރު' ނޫހަށް ގާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކޯޓަށް ހުށަހެޅުމަށް ނިންމަވައިފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ވަނީ 'ދައުރު' ނޫހުން އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، ގާނޫނީ އިމުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.