އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކްސް ގައި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ދެއްކެވި ހުތުރު ވާހަކަތައް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކުށްވެރި ކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި 1982 ވަނަ އަހަރު އުފެއްދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ރޯލެއް އަދާ ކުރާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާ އަކީ ރާއްޖެއާ އަވައްޓެރި ގައުމެއްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މުހިންމު ރޯލެއް އަދާ ކުރާ އެއް ގައުމު ކަމަށެވެ. އަދި ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ އެކިއެކި ކާރިސާތަކުގައި ވެސް އެންމެ ފުރަތަމަ އިޖާބަދޭ ގައުމަކީ އިންޑިއާ ކަމަށް މަޓީގެ ބަޔާނުގައި ވެއެވެ.
އަދި ހަމައެހެންމެ ކޮވިޑް-19 ގެ ހާލަތުގައި ބޯޑަރު އަލުން ހުޅުވާލުމާއެކު، ބަލިން އަރައިގަތުމަށް ކުރި މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް އެ ގައުމުން ފޯރުކޮށް ދީފައި ވާ ކަމަށްވެސް މަޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ، އަންނަން އޮތް ޖީލުތަކަށް ދެމިއޮންނާނެ ގުޅުމެއް ކަމަށާއި، އެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އަމަލުތަކާއި ވާހަކަތަކުން ދުރުވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް 'ބޭއަދަބީ ބަހުން' ވާހަކަދެއްކި މައްސަލަވަނީ ހޫނުވެފައެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ މަގާމެއްގައި ތިއްބެވި ބޭފުޅުންގެ މި އަމަލު ކުށްވެރިކޮށް، އެ ބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލަމުން އަންނައިރު، މި މައްސަލައާ ގުޅިގެން ތިބް ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ.