އިންޑިއާ އާއި ޗައިނާ އާ ދެމެދު އޮތް މައްސަލަގަނޑުގެ ތެރޭގައި، ރާއްޖެ ހިފަހައްޓަން އިންޑިއާއިން ކުރާ މަސައްކަތް ކާމިޔާބު ނުވާ މަންޒަރު ދަނީ ފެންނަމުންނެވެ.

ރާއްޖޭގެ އެހެން ހުރިހާ ރައީސުން ވެރިކަމަށް ވަޑައިގަންނަވަނީވެސް އިންޑިއާގެ 'ބްލެސިން' އޮވެގެން ކަމަށް ވިޔަސް ޑރ. މުހައްމަދު މުއިއްޒު ވެރިކަށް ވަޑައިގަތީ 'އިންޑިއާ އައުޓް' ކޮށްގެންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިންޑިއާއިން ހޮވަން މަސައްކަތް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެކެވެ. އިންތިހާބުގެ އެންމެ ފަހު ތަޅާލުންގަނޑުގައިވެސް އެތައް ޕްރޮޖެކްޓަކަށް ފައިސާ ހަމަޖައްސައިދީގެންވެސް މުއިއްޒުގެ މައްޗަށް ކުރިއެއް ނުހޯދުނެވެ.

17000 ވޯޓުގެ ތަފާތުން ވެރިކަން ހޯއްދެވީ މުއިއްޒެވެ.

މުއިއްޒަކީ، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ތެރޭގައި އުފެދިގެން ދިޔަ 'އިންޑިއާ އައުޓު' ގައި އެޕާޓީގެ އެެހެން މެންބަރުންނެކޭ އެއްފަދައިން ބައިވެރިވެވަޑައިގެންނެވި ބޭފުޅަކަށް ވާއިރު ވެރިކަމަށް ވަޑައިގަތުމަށް ފަހުވެސް އެންމެ އިސްކަމެއް ދެއްކީ، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފޮނުވާލުމަށެވެ. 4 ފަހަރެއްގެ މަތިން އެކި ފަންތީގެ މަޝްވަރާތައް ސަރުކާރުން ކޮށްފައި ވާ އިރު، ރާއްޖޭގައި ތިބި އިންޑިއާގެ 89 ސިފައިން އަދިވެސް ގެންގޮސްފައެއް ނުވެއެވެ.

ވެރިކަމަށް ވަޑައިގަންނަވާ އެހެން ހުރިހާ ވެރިންގެ ފުރަތަމަ މަންޒިލަކީ އިންޑިއާ ކަމަށް ހެއްދެވި ނަމަވެސް މުއިއްޒުގެ 3 ވަނަ މަންޒިލަކަށް ވެސް އިންޑިއާ ނުވިއެވެ. ވަޑައިގަތީ ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާ އަށެވެ.

މިއީ އިންޑިއާ މޭކަރާ ކަންކަމުގެ ތެރެއިން ބޮޑު ކަމަކަށް ވާއިރު، މިއަދު އިންޑިއާގެ ބައެއް ނޫސްތަކުގައި، އިންޑިއާ އަށް ވަޑައިނުގެން މުއިއްޒު ޗައިނާ އަށް ވަޑައިގަތީތީ އެކަމާވެސް ވަނީ ބެހިފައެވެ. އެ ނޫސްތަކުން ސިފަ ކުރަނީ، މިހާރު އުފެދިފައި އޮތް 'ލަކްޝަދީޕް – ރާއްޖެ' އޮއިވަރު ހިންދައި ނުލައި މުއިއްޒު ޗައިނާ އަށް ވަޑައިގަތުމަކީ އިންޑިއާގެ މޫނުގައި 'އެތިފަހަރެއް ޖެހުން' ކަމަށެވެ.

މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވާ ވާހަކަ އިއުލާން ވީއްސުރެ އިންޑިއާއިން ދިޔައީ އެކަމުގައި އެކިއެކި ޒާތުގެ ވާހަކަ އުފައްދަމުންނެވެ. އެގައުމުގެ ހާރިޖީ ވުޒާރާގެ ފަރާތުންވެސް އެ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދެއްކިއެވެ. އަދި ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ބުނެފައި ވަނީ "ރާއްޖެއިން ކަން ކުރާނެ ގޮތަކާއި ދާނެ ތަނެއް ނިންމާނީ ރާއްޖެއިން" ކަމަށެވެ.

އެވާހަކަ އެހެން ދައްކާފައިވެސް އަދިވެސް އިންޑިއާގެ ނޫސްތަކުގައި ދައްކަނީ އިންޑިއާ އަށް ވަޑައިނުގެން މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވާ ވާހަކަ އާއި، ޗައިނާ އަށް ވަޑައިގަންނަވަނީ 'ފައިސާ' ހޯދަން ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްްޝަދީޕް ރަށްތަކުގެ 12 އަތޮޅުގެ ތެރޭގައި އިންޑިއާގެ އިހުތިސޯސް ހިމެނޭ ލަކްޝަދީޕަށް ވަޑައިގަތުމުން، ރާއްޖެއަށް ވުރެ އެތަން ރީތިކަމަށް ބުނެ އިންޑިއާގެ ސޯޝަލްމީޑިއާގައި ވައިރަލްވާންފެށި ޕޯސްޓުތައް ރާއްޖޭގެ ސަމާލުކަމަށް އައެވެ. ރާއްޖޭޖެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެކްޓިވޭޓް ވެ ސީދާ މޯދީ އަށް އަމާޒުކޮށް ކުޑަމީސް ކުރިއެވެ. ލަކްޝަދީޕަކީ 1000 އަކަށް ވުރެ ގިނަ ރަށް އޮންނަ 12 އަތޮޅެއްގެ މައްޗަށް ފެތުރިފައި އޮންނަ ތަނެއް ނަމަވެސް އިންޑިއާގެ އިހުތިސޯސްގައި ހިމެނެނީ އޭގެ ތެރެއިން 36 ރަށް އޮންނަ 32 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެތާނގެ އާބާދީއަކި 64،473 އެވެ. ގިނައީ މުސްލިމުންނެވެ.

ލަކްޝަދީޕާ ގުޅުވައި މޯދީއަށް އަމާޒު ކުރި ބަދު ބަސްތަކާއެކު ރާއްޖެ ބޯއިކޮޓު ކުރުމުގެ ރޫހެއް އިންޑިއާގެ އިންފްލުއެންސަރުންގެ ތެރޭގައި ހިމެނި، ސިޔާސީ ބޮޑުކަންތައްގަނޑަކަށް އެކަން ވެގެން ދިޔައެވެ. އިންޑިއާއިން ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރަށް ގުޅާ އެކަމުގައި އިންޑިއާ ނުރުހިއްޖެ ކަމަށާއި ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ. އޭގެ މުގާބިލުގައި ރާއްޖެއިން މޯދީއަށް މަލާމާތް ރައްދުކުރި 3 ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކުރި ނަމަވެސް އިންޑިއާއިން ބުނެފައި ވަނީ، 'ގޮތް ދައްކަން ރިހޭ އިނގިލީގައި މަލަން އެޅިޔަސް ބަލައިނުގަންނާނެ' ކަމަށެވެ. އެއިޝާރާތް ކުރަނީ އެ ކަމާ ގުޅިގެން ސީދާ ރައީސް މުއިއްޒު، އިންޑިއާ ކިބައިން މައާފަށް އެދިވަޑައިގަތުމަށެވެ. އެ މޭރުމުން ތަރުޖަމާ ކުރެވެ ކިތަންމެ ވާހަކައެއް އިންޑިއާގެ ނޫސްތަކުގައި ލިޔެފައި ވެސް އެބަހުއްޓެވެ. އަދި ރާއްޖޭގެ މިހާރުގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ވެސް އެމަގަށް ޕްރެޝަރު ކުރުމަށް ވާހަކަ ދައްކަވާފައި ވެއެވެ.

އިންޑިއާ ރުޅި އަޔަސް އަދި ނަޔަސް ރާއްޖެއިން ދާނެ ތަނަކާއި ބައްދަލުކުރާނެ ބަޔަކު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ރާއްޖެއަށް އޮންނާނެތާއެވެ. އެގޮތުން މުއިއްޒު ޗައިނާއަށް ވަޑައިގަތުމަކީ މޭކަރަންވީ ކަމެއްވެސް ނޫންތާއެވެ.

ރައީސްގެ މިދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވަން ނިންމަވާފައި ވާ އިރު، އެކިއެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއް ގާއިމުކުރައްވާނެ އެވެ. އަދި ރާއްޖެއަށް ޗައިނާގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި އިންވެސްޓްމަންޓް ފޯރަމެއްވެސް ބާއްވާނެއެވެ.

ދުނިޔޭގެ ނިސްބަތުން ލާރި ހުރީ ޗައިނާގައެވެ. އިންވެސްޓްމަންޓުތަކަށް ބެލިޔަސް ޗައިނާގެ އިންވެސްޓްމަންޓުތައް ދުނިޔޭގެ އެތަން މިތާނގައި ހުރި އިރު، މި ކުޑަކުޑަ ރާއްޖެއަށް ބޭނުންވާ އުމްރާނީ، އިގުތިސޯދީ، އިޖުތިމާއީ ދާއިރާތަކަށް އިންވެސްޓް ކޮށްލުމަކީ ޗައިނާއަށް 'ޕީނަޓު' ތާއެވެ.

ބިލިއަނެއްހާ ޑޮލަރު 'ވައްޓާލިޔަސް' މުޅި މައްސަލައަށް ހައްލު ލިބުނީއެވެ. އިގުތިސޯދީ ގޮތުން ރާއްޖެ 'ދެމިލާނެ' އެވެ. ފަތުރުވެރިކަމަށް ނުހެދި ހުދި ރަށްތަކާއި މާސިންގާ އެއާޕޯޓު ހަދާލައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަން އާ އެއްގޮތަށް 25 މިލިއަން ފަތުރުވެރިން ގެނެވޭނެއެވެ.