ފައިސާ ނުދައްކައިގެން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރަށް ދައުވާތަކެއް ކުރި ކަމަށްބުނެ ދައުރު ނޫހުން ލިޔުނު ހަބަރަކާ ގުޅިގެން އެ މައްސަލަ ފުލުހަށާއި ސިވިލް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އާޒިމާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާ އުފުލައިވާކަމަށް ބުނެ ދައުރު ނޫހުން ވަނީ ހަބަރެއް ޝާއިއުކޮށްފައެވެ.
އާޒިމާ ވިދާޅުވީ ވަކި ފަރާތަކަށް ދޭންޖެހޭ ފައިސާތަކެއް ހުރުމުން އާޒިމާއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ ކޯޓަށް ހާޒިރުވެފައިނުވުމުން މާދަމާ ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ދައުރު ނޫހަށް ކަށަވަރުކުރެވިފައިވާ ކަމަށް ބުނެ ހަބެރެއް ލިޔެފައިވާ ކަމަށެވެ.
އެފަދަ ދައުވާއެއް އޮތް ކަމެއް އެނގިފައިނުވާތީ އެކަން ސާފުކުރުމަށް ގާނޫނީ ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އެއްވެސް ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް އެ ކޯޓުން ލިޔުމުން ޖަވާބުދެއްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދާދިފަހުން އާޒިމާ ދެކޮޅަށް އިސްލާމިކް ބޭންކުން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލާގައި ހުކުމްކޮށްފައިވާއިރު އެކަމާ ގުޅިގެން އޭނާ ވިދާޅުވީ އެ ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަދައްކާ، ފައިސާ ދައްކާނޭ ގޮތުގެ ތާވަލެއް ބޭންކަށް ހުށަހަޅާފައިވަނިކޮށް ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ބޭންކުގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަން އިސްލާމިކް ބޭންކުން ކުރިއަށް ގެންގޮސްފައިވަނީ ލޯނު ރީސްޓްރަކްޗާކުރުމަށް ދެކެވުމުންދިޔަ ވާހަކަތައް ވަކިގޮތަކަށް ނިމެންދެން ކޯޓުގައި ހިނގަމުންދިޔަ މައްސަލަ މަޑުޖައްސާލުމަށް ކޯޓަށް ލިޔުމުން އަނގާނޭ ކަމުގެ ޔަގީންކަން ދިނުމަށްފަހު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އެ ދެ މައްސަލައަކީވެސް މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ އިންތިހާބަށް ނުފޫޒުފޯރުވައި އެ އިންތިހާބުގައި ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމުގައި ގަބޫލުކުރެވޭތީ ގާނޫނީ ޓީމުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލާގައި ބޭންކިންއާ ބެހޭ ގާނޫނުގެ ދަށުން އެ މައްސަލަ ބައްލާ ބޭންކާ ދެކޮޅަށް ފިޔަވަޅު އަޅާދިނުމަށް އެދި އެމްއެމްއޭއަށް ހުށަހެޅާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުރު ނޫހުގައި ދޮގު ހަބަރުފަތުރައި ލިޔުންތައް އުފައްދައި ފެބްރިކޭޓްކޮށް އަބުރަށް އަރައިގަނެ، ދޮގު މައުލޫމާތު ފަތުރާފައިވާތީ އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅާ ދިނުމަށް އެދި ފުލުހަށް ހުށަހަޅާނެ ކަމަށާއި އިންތިހާބީ ހައްގަކަށް ދައުރު ނޫހުން އަރައިގަނެފައިވާތީ އެ މައްސަލަ ބަލާ ދިނުމަށް އެދި އީސީއަށް ހުށަހަޅާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި އަބުރުގެ ދައުވާކޮށްދެއްވުމަށްއެދި ސިވިލް ކޯޓަށް ވެސް ހުށަހެޅުއްވާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.