މަހަށް ނުކުމެ އުޅުނު ދޯންޏަކުން ޑައިވްކުރި ފަޅުވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގދ. ތިނަދޫ އާއި 9 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެއުޅުނު "އިޓަސްހަންޑާ" ދޯނިން ޑައިވްކުރި ފަޅުވެރިއަކު ހާލުދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ގދ.ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ތިނަދޫ ހޮސްޕިޓަލުން ބުނީ ޑައިވްކުރި ފަޅުވެރިއެއްގެ ހާލު ދެރަވެ ފަރުވާދެމުން އަންނަކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށާ، އެހެންނަމަވެސް އޮބްޒަވޭޝަންގައި 06 ގަޑިއިރު ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ފަހަކަށް އައިސް ޑައިވްކުރުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)ވެ ހާލުދެރަވުން ފަދަ ހާދިސާތައް އިތުރުވެފައިވާއިރު، އާބަންކޯގެ އެހީތެރިކަމާއެކު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަށް ހައިޕަބެރިކް ޓްރީޓްމަންޓް ދެވޭނެ ގޮތަށް ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ޑީކޯ ޗެމްބާ ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާ، މިހާރު ކުރިއަށް ދަނީ އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގައި މިހާރު ހަތަރު ޑީކޮމްޕްރެޝަން ޗެމްބަރު ހުންނައިރު، އެފަދަ ފުރަތަމަޗެމްބަރެއް ބެހެއްޓީ ބަނޑިހައި ޅ. ކުރެއްދޫ އާއި ކަނޑިންމަ ރިސޯޓުގައެވެ. މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ހަމައެކަނި ޑީކޯ ޗެމްބަރަކީ މާލޭ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ޗެމްބަރެވެ.