އިންޑިއާއަށް ކުޑައިމީސް ވާގޮތަށް ޕޯސްޓް ކުރީ އޮފިޝަލުން ސަސްޕެންޑް ކޮށްފި ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ، އެ ގައުމުގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރީތިކަމާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު 'އެކްސް'ގައި ޕޯސްޓެއް ކުރައްވައިފައެވެ. މޯދީގެ ޕޯސްޓަށް މަރުހަބާ ކިޔައި ކުރި ރީޕޯސްޓެއްގައި އިންޑިއާގެ މީހަކު ބުނީ، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށެވެ.

މި ޕޯސްޓަށް ރައްދު ދެއްވައި، ޔޫތު މިނިސްޓްރީގެ 3 ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މޯދީ އަށް ބޭއަދަބީ ބަހުން މުހާތަބުކޮށް ޕޯސްޓުކޮށްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ގިނަ ރައްޔިތުންގެ ނުރުހުން ޝިއުނާ އާއި މަލްޝާ އަށް އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

އެހެންވެ، މިއަދު ނެރުނު ކުރު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ޝިއުނާ އާއި މަލްޝާ ފާޅުކުރި ހިޔާލުތަކަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށެވެ. އަދި އެ ބޭފުޅުން ހިމެނޭހެން އިންޑިއާ އާއި މޯދީ އަށް ބޭއަދަބީކޮށް މުއާމަލާތްކުރި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިންޑިއާ އާއި މޯދީ އަށް އަމާޒުކޮށް ޕޯސްޓުކުރި މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ޝިއުނާ އާއި މަލްޝާ ގެ އިތުރުން މާޖިދު ވަނީ ސަސްޕެންޑު ކޮށްފައެވެ.

ޝިއުނާ އާއި މަލްޝާގެ އިތުރުން ސަރުކާރުގެ ބައެއް މުވައްޒަފުން ކުރި ޕޯސްޓުތަކާ ގުޅިގެން، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ހިމެނޭހެން އެ ގައުމުގެ މުނިފޫހިފލުވުމުގެ ދާއިރާގައި މަޝްހޫރު ބައެއް ތަރިން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް 'އެކްސް'ގައި ލަކްޝަދީބަށް ޗުއްޓީ ހޭދަކުރަން ދިއުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް ވަނީ ރާއްޖެ އަކީ ޗައިނާގެ 'ޕަޕެޓެއް' ކަމަށް ބުނެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ނުދިއުމަށް ގޮވާލައިފައެވެ. އަދި އިންޑިއާގެ އެކި ހަބަރުފަތުރާ ވަސީލަތްތަކުގެ އިތުރުން، ބޭރުގެ އެކި ނޫސްތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ މިހާރު ވަނީ އައިސްފައެވެ.