ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވި ސިޔާސަތަކީ އިންޑިއާ އާއި މެދު 'ބިރުވެރިކަން އުފައްދާ' އެ ފަދަ މާހައުލެއް ގާއިމުކުރުންކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ، އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް އިންޑިއާ އާއި އެ ގައުމުގެ ވެރިންނަށް 'ބޭއަދަބީ' ބަހުން މުހާތަބު ކުރައްވައި ކުރެއްވި ޕޯސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މިކަމާ ގުޅިގެން 'އެކްސް' ގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުއިއްޒު ގެންގުޅުއްވި ނަސްލީ ތަފާތުކުރުމުގެ ނަތީޖާ އެ މަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ކިބައިން ފެންނަމުން ދާކަމަށެވެ.

އިތުރުން ފައްޔާޒު ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުކުރަނީ ހަމައެކަނި ރާއްޖޭގެ އިގްތިސާދަށް އެކަނި ނޫންކަމަށާ އެކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސުލްހަމަސްލަސްކަމާ ހަމަޖެހުމާ މެދު ސުވާލު އުފެދިގެން ދާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވި ގޮތަށް ކަންތައްތައް ކުރެވިއްޖެކަމަށާ މި ވަގުތު ރާއްޖޭގެ ރައީސް އަކީ އެ މަނިކުފާނުކަމުގައި ފައްޔާޒު ވިދާޅުވެފައެވެ. މީގެ އިތުރުން މި ވަގުތުން ވަގުތަށް އެކުވެރި ގައުމުތަކާ މެދު ގެންގުޅޭ މިފަދަ ސިޔާސަތުތައް ހުއްޓާލުމަށް ފައްޔާޒުވަނީ ގޮވާލާފައެވެ.

އިންޑިއާ އާއި އެ ގައުމުގެ ބޮޑު ވަޒީރަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން ސަރުކާރުގެ އިސްއޮފިޝަލުން ވާހަކަ ދެއްކި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.