އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އެގައުމުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ލަކްޝަދީޕަށް ވަޑައިގެން އެތާނގެ ގޮނޑުދޮށްތައް ދައްކާލެއްވުމުން ރާއްޖޭގެ ދެ ނައިބު ވަޒީރަކު މޯދީއަށް މަލާމާތް ރައްދުކުރެއްވުމުން އުފެދިގެން އުޅޭ "ބޯއިކޮޓްމޯލްޑިވްސް" ގައި ފިލްމުސްޓާރުން ބައިވެރިވާން ފަށައިފިއެވެ.
އެގޮތުން މަޝްހޫރު އެކްޓަރު އަކްޝޭ ކުރާމު ބުނީ، ރާއްޖެއަށް އެތައް ފަހަރަކު ޒިޔާރަތް ކޮށް ރާއްޖޭގެ ރީތި ކަމަށް ތައުރީފު ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް މިހާރު ސޯޝަލްމީޑިއާގައި ބޮޑުވަޒީރު މޯދީއަށް މަލާމާތް ރައްދުކޮށް ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ކުރަމުން ދާ ކަންތައް ބަލައި ނުގަނެވެނެ ކަމަށާއި، އެއީ އަމިއްލަވަންތަ ކަން [ގައުމިއްޔަތުކަން] އޭގެ މައްޗަށް ގުރުބާން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން އިންޑިއާގެ ރަށްތައް ބަލައި އަމިއްލަ ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. އަދި އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ އެއް ގައުމަށް ވާއިރު ރާއްޖެއިން އިންޑިއާ މީހުންނާމެދު ރުޅިވެރިކަން އުފެއްދުމަކީ ހިތާމަ ކުރާކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމަ މިފަދަ މޭރުމަކުން މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމްވެސް ވަނީ ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނެފައި ވަނީ، އިންޑިއާގެ މެހެމާންދާރީ ކުރިއަރުވާ 'އަތީތީ ދޭވޯ ބާވާ" ގެ ޝިއާރުގެ ދަށުން ކަނޑުއަޑީގެ ރީތިކަން ދެކެލަން ދާންވީ ތަނަކީ ލަންޝަދީޕްކަމަށް ހަދަން ޖެހޭ ކަަމަށެވެ.
ރާއްޖެ ރީތިވެގެން އެތައް ފަހަރަކު ރާއްޖެ އައިސް ރާއްޖެއަށް އެތައް ތައުރީފެއް ކުރި މަޝްހޫރު އެކްޓަރު ޝަރަދާ ކަޕޫރު ބުނެފައި ވަނީ، ލަކްޝަދީް ފެނިފައި އާޝޯހް ވެއްޖެ ކަމަށާއި، މިއަހަރުގެ ޗުއްޓީ ބްކް ކުރާނީ ލަކްޝަދީޕަށް ކަމަށެވެ. އަދި އޭނާވެސް ވަނީ، އާ ހޭޝްޓެގް 'އެކްސްޕްލޯއިންޑިއަންއައިލޭންޑްސް' ޝެއާކުރަން ފަށާފައެވެ.
މަޝްހޫރު އެކްޓަރު ސަލްމާންހާން ބުނެފައި ވަނީ، ލަކްޝަދީޕްގެ ބީޗުގައި މޯދީ އުޅުއްވަނިކޮށް ފެނުމަކީ 'ކޫލް' ކަމެއް ކަމަށާއި އެ ރީތި ދޮންވެލި ގޮނޑުދޮށްތައް އޮތީ އިންޑިއާގެ ލަކްޝަދީޕްގައި ކަމަށެވެ.
މީގެ އިތުރުން އިންޑިއާގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށް ވާ ސަޗިން ޓެންޑުލްކަރު ވެސް ވަނި ލަކްޝަދީޕުގެ ރީތިކަމާއި ބޭނުންވާ ހުރިހާ ހިދުމަތެއް އެއްތާކުން ލިބޭ އެއްތަނަކީ އެއީ ކަމަށް ބުނެ ތައުރީފު ކޮށްފައެވެ.
މޯދީ ލަކްޝަދީޕަށް ވަޑައިގަތުމުން، ރާއްޖޭގެ ސޯޝަލްމީޑިއާގެ ބައެއް އެކްޓިވިސްޓުންނާއި، ސަރުކާރުގެ 2 ނައިބު ވަޒީރަކު އިންޑިއާއަށް މަލާމާތް ކުރަން ފެށުމުގެ ނަތީޖާ އިންޑިއާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމަށް އެގައުމުގެ އެކްޓިވިސްޓުން 'ބޯއިކޮޓްމޯލްޑިވްސް' ހޭޝް ޓެގާއެކު އޮއްސާލި އޮއިވަރު މިވަނީ އިތުރަށް ފުޅާވެ އެތައް މިލިއަން ފޮލޯވަރުންނެއް ތިބި ބޮލީވްޑްގެ އެކްޓަރުންގެ އެކައުންޓް ތަކާ ހަމައަށް ފޯރާފައެވެ.
މި އޮއިވަރުގައި އިންޑިއާއިން ރާއްޖެ އަންނަން ބްކިން ހަދާފައި ވާ އެތައް ބަޔަކު ބްކިންތައް ކެންސަލް ކުރަމުން ދާ އިރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބައެއް ފަރާތްތަކުން ވަނި ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
އެގޮތުން 'ދަ ޕްރެސް' އާ ވާހަކަ ދެއްކި އިންޑަސްޓްރީގެ އެއް ޕައިނިއާ ބުނީ، ކޮންމެ ބަޔަކު ކުރިޔަސް އެކުރީ ދެރަވަރު އަދި ހިތާމަ ހުރި ކަމެއް ކަމަށާއި ރާއްޖެއިން ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުން ކަމަށެވެ. އަދި އިންޑިއާ އަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވާއިރު، އެ މާކެޓަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ތަނެއްގެ ގޮތުގައި އޮތް ލަކްޝަދީޕަށް ވަޑައިގެން ގޮނޑުދޮށްތަކުގެ ރީތިކަން ފެންނަ ގޮތަށް ކުރެއްވި ޕޯސްޓާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ ވަނީ މޯދީއަށް ބޭއަދަބީ ބަހުން މުހާތަބު ކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައެވެ. ހަމަ އެހެންމެ އެ މިނިސްޓްރީގެ ނައިބު ވަޒީރު މަލްޝާ ޝަރީފުވެސް ވަނީ މޯދީއަށް މަލާމާތް ރައްދުވާ ގޮތަށް އީމޯޖީތައް ބޭނުން ކުރައްވައިގެން އެކްސްގައި ޕޯސްޓްތައް ކުރައްވާފައެވެ.
މިއާއެކު އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެކްޓިވޭޓް ވެ ރާއްޖެއަކީ 'ޗައިނާގެ ޕަޕެޓެއް' ކަމަށާއި ރާއްޖެ ބޯއިކޮތްކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި މި ވާހަކަތައް ވައިގައި ހިފައި އިންޑިއާގެ މެއިންސްޓްރީމް މީޑިއާތަކުގައި ވެސް މިހާރު ދަނީ ރާއްޖެއިން މޯދީއަށް މަލާމާތް ކޮށްފި ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ.