އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

ތިން ފަހަރެއްގެ މަތިން ތާރީހު އާ ކުރުމަށް ފަހު ވެސް ނުނިމި އޮތް އަމީނީމަގުގެ ބާކީ ސަރަހައްދު ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދިރާގުގެ މައި އިމާރާތާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގައެވެ.

މީގެ ކުރިން މުއްތަލިބު ވިދާޅުވީ ނުނިމި އޮތް ސަރަހައްދުގެ މަސައްކަތް ނިމުމުން ދުއްވާ އުޅަނދުފަހަރަށް މަގު އިތުރަށް ފުޅާވެގެން ދާނެ ކަމަށާއި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެހެން ވިދާޅުވެފައިވާއިރު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.

އިއްޔެ މުއްތަލިބު ވިދާޅުވީ އަމީނީ މަގުގެ ނުނިމިއޮތް ބައިގައި އިއްޔެ ތާރުއަޅަން ފަށާނެ ކަމަށެވެ. އަދި މިއަދު ނާޝިދު ވިދާޅުވީ އެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ 2022 އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާ ގޮތަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.