ޓްރެފިކް ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ފާކު ނުކުރުމަށް އެދިފައެވެ.
މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. އަދި އެ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ޖޫރިމަނާ ކުރުމާއި އެ އުޅަނދު ޓޯ ކުރުމުގެ ހުއްދަ ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ލިބިފައެވެ.
މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށް، ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބޭއްވި ބައްދަލުވުމެއްގައި ވަނީ މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި އިތުރު ފުލުހުން މަގުތަކަށް ނެރުމަށް ނިންމާފައެވެ. އަދި ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަަލައަކީ ޕާކު ކުރުމުގެ މައްސަލަކަށް ވާއިރު، އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.