އަންނަ ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ސްޓެލްކޯއާއެކު މިހާރު ވަމުންދާކަމަށެވެ. އަދި ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަހައްދު ޒީނަތްތެރިކޮށް ނިންމާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އަދި ސްޓެލްކޯގެ މެނޭގިން ޑިރެކްޓަރު ހުސައިން ފަހުމީގެ އިތުރުން ދެ މުއައްސަސާގެ ކަމާބެހޭ އިސްވެރިން ބައްދަލު ކުރައްވައި މި މަޝްރޫއާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެ ދެ މުއައްސަސާގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް ހިމެނޭ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މިފަދަ ހިދުމަތްތައް ފުޅާކޮށް، ހާއްސަކޮށް ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު އިތުރުކުރުމަށް ތަރިކައާ ބެހޭ ވުޒާރާއާއެކު ވަނީ މަޝްވަރާކޮށްފައެވެ.
ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމަކީ ސްޓެލްކޯ ގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ މިއަހަރު ފަށާ މި ހާއްސަ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ
އެގޮތުން އެތަނުގައި ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނާ ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ހާއްސަ ފަންނީ ޓީމަކުން ކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ވިއްސާރަ އަލިވެ މި މަސައްކަތަށް މޫސުން ތަންދިންހާ އަވަހަކަށް މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި މަސައްކަތް ނިމޭއިރު އެސަރަހައްދު އޮންނާނީ އާސާރުތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރެވިފައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ރަމަޟާން މަހުގެ އިތުރުން ކުރިއަށްއޮތް ތަނުގައި އީދުފަދަ އިސްލާމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް އެސަރަހައްދު ސާފުކޮށް ޒީނަތްތެރިކުރުމުގެ ކަންކަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ ގެ ފަންނީ އެހީއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަސައްކަތް ފުޅާ ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.