ރަޝިއާގެ ބްލްގޮރޮޑް އަށް ޔޫކްރައިން އިން ދިން ހަމަލާގައި އާންމުންގެ 22 މީހަކު މަރުވުމުގެ ބަދަލު ހިފަން ރަޝިއާއިން ދޭ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ.

މިއަދު މިސައިލާއި ޑްރޯންގެ އިތުރުން ބޮން އަޅާ ބޯޓުތަކުން ޔޫކްރައިންގެ ވެރިރަށް ކީވް އަށް ހަމަލާތައް އަމާޒު ކޮށްފައި ވާ އިރު، ކީވްގެ މަތިން ފައިބަމުން ދިޔައީ ގޮވާ ކުނޑިކުޑިނވެގެން ވެއްޓެމުން ދާ މިސައިލްތަކާއި ޑްރޯންތަކުގެ ބައިތަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާގެ މިހަމަލާތަކުގައި ކީވް އަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް އަދި ހާމަ ކޮށްފައި ނުވާ އިރު 4 މީހަކު މަރުވެ 90 މީހަކު ޒަހަމްވެފައި ވާ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި 250،000 އެއްހާ މީހުން ކަރަންޓުން މަހުރޫމުވެފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހަމަލާތަކާ ގުޅިގެން އިތުރު ހަތިޔާޔާއި އެހީ ފޯރުކޮށް ދިދުމަށް އެކުވެރި ގައުމުތަކަށް ޔޫކްރައިން އިން ވަނީ ގޮވާލާފައެވެ. އަދި ބޮލްގޮރޮޑަށް ދިން ކާމިޔާބު ހަމަލާފަދަ ވަރުގަދަ އިތުރު ހަމަލާތައް ރަޝިއާ އަށް ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޔޫކްރައިން އަށް މިވަގުތަށް ކޮންމެހެން ބޭނުންވާ ހަތިޔާރުކަމަށް ވިދާޅުވެ އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ލިސްޓެއް އާންމު ކުރައްވާފައެވެ. އެ ލިސްޓުގައި ހިމެނެނީ؛

  • އެއާ ޑިފެންސް ސިސްޓަމާއި އޭގެ ހަތިޔާރު
  • ކޮމްބެޓް ޑްރޯންސް
  • ދުރު ރާސްތާ މިސައިލް

ޔޫކްރައިން އަށް މިވަގުތަށް އަސްކަރީ އެހީތެރިކަން މުހިންމު ވެފައި ވާ އިރު، އެމެރިކާއިން ދޭން ހުށަހެޅި 60 ބިލިއަން ޑޮލަރުގެ ޕެކޭޖް އެގައުމުގެ ކޮންގްރެސް އިން ހުއްޓުވާ، ދޭން ހުއްދަދިނީ 240 މިލިއަން ޑޮލަރުގެ ޕެކޭޖެކެވެ. އީޔޫއިން ދޭން މަސައްކަތް ކުރި 55 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖް އީޔޫގެ މެންބަރު ގައުމެއް ކަމަށް ވާ ހަންގޭރީން ވަނީ ހުއްޓުވާފައެވެ.

ޔޫކްރައިން އިން ބުނާ ގޮތުގައި، ވެރިރަށް ކީވް އަށް އަމާޒުކޮށް ފޮނުވާލީ 70 މިސައިލް ވަނީ ގޮއްވާލެވިފައެވެ. ޔޫކްރައިން އިން ބުނާގޮތުން ރަޝިއާއިން ޖުމްލަ 99 މިސައިލާއި އީރާނުގައި އުފައްދާފައި ވާ ޑްރޯންގެ އެތައް ސަތޭކަ ޑްރޯން އެއް ވެސް ފޮނުވާލިއެވެ. މި ހުރިހާ ޑްރޯނެއްވެސް އެއާ ޑިފެންސް ސިސްޓަމުން ގޮއްވާލި ކަމަށާއި ނަމަވެސް އަމާޒުން ކަސިޔާރުވި ބައެއް މިސައިލް ސިޓީގެ އެކި ތަންތަނަށް އަމާޒުވެ ބޮޑެތި ގެއްލުންތައް ލިބިފައި ވާ ކަމަށް ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ޔޫކްރައިންގެ އެމްޕީއެއްގެ ގެއަށް ވެސް ގެއްލުން ލިބުނު ކަމަށް އެގައުމުގެ ނޫސް އިދާރާތަކުން ބުނެފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ރަޝިއާއިން ވަނީ ޔޫކްރައިން އަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ޖުމްލަ 158 މިސައިލާއި ޑްރޯން ބޭނުން ކުރި އިރު 30 މީހަކު މަރުވެ 140 މީހަކު ޒަހަމްވެފައި ވެއެވެ.