ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ހުޅުލެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ އިއްޔެ ހެނދުނު 8 އިން މިއަދު ހެނދުނު 8 ޖެހުމުގެ ނިޔަލަށް ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 118.2 މިލިމީޓަރުގެ ވިރޭ ވެހިފައިވާއިރު ބ. ގޮއިދޫއަށް 105.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ކ. ދިއްފުއްޓަށް 72 މިލިމީޓަރުގެ ވާރޭވެހުނުއިރު 66 މިލިމީޓަރުގެ ވާރޭ މ. މުއްޔަށް ވަނީ ވެހިފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ގޭގެއަށްވެސް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެލާޓުތައް ނެރެމުން އަންނައިރު އެގޮތުން މިއަދު ހެނދުނު 7 އިން ފެށިގެން މެންދުރުފަހު 1 އާ ހަމައަށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވަނީ ސ. ގަމަށެވެ. އެއީ ނޮވެމްބަރު 24، 2015ގައި 228 މިލިމީޓަރުގެ ވާރެއެވެ.