ޔޫކްރައިން އިން ރަޝިއާގެ ބަލްގަރޮޑްގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން ކްލަސްޓާ ބޮމުގެ ހަމަލާއެއްގައި 22 މީހަކު މަރުވުމުގެ ބަދަލު ހިފުމަށް ރަޝިއާއިން ޔޫކްރައިން އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ރަޝިއާއިން ބުނީ, ހަމަލާ އަމާޒު ކުރި ތަންތަނަކީ ޔޫކްރައިންގެ ވެރިރަށް ކީވް އާއި ހާކީވް ގައި އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަނާއި ކޮމާންޑް ސެންޓަރުތަކާއި މަގާމުތަކަށް ކަމަށެވެ. ޑްރޯން ބޭނުން ކޮށްގެން ދިން މިހަމަލާތަކުގައި ކީވް އިން 22 މީހަކު ޒަހަމްވި އިރު, 12 އެޕާޓްމަންޓް ބިލްޑިންގާއި އާންމުން ދިރިއުޅޭ 13 ގެއެއް ވަނީ ހަލާކު ވެފައެވެ.
ޔޫކްރައިންގެ ދިފާއީ ވުޒާއިން ބުނެފައިވަނީ ރަޝިއާގެ ހަމަލާތަކުގައި ޖުމްލަ 49 ޑްރޯން ބޭނުން ކުރި ކަމަށާއި އޭގެ ތެރެއިން 21 ޑްރޯން ގޮއްވާލެވިފައި ވާ ކަމަށެވެ.
ޔޫކްރައިން އިން ރަޝިއާގެ ބެލްގަރޮޑް އަށް ދިން ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ރަޝިއާއިން ބުނެފައި ވާއިރު އެހަމަލާ އާ ބެހޭ ގޮތުން ޔޫކްރައިން އިން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. މި މައްސަލަ ރަޝިއާގެ ފަރާތުން އދ ގެ ސަލާމަތީ މަޖިލީހަށް ގެންގޮސްފައި ވާ އިރު ރަޝިއާގެ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ, އެ ހަމަލާ ޔޫކްރައިން އިން އަމާޒު ކޮށްފައި ވަނީ ބެލްގަރޮޑްގެ ސްޕޯޓްސް ސެންޓަރަކާއި ޔުނިވާސިޓީއެއްގެ އިތުރުން އައިސް ގައި ކުޅޭ ކުޅިވަރުތައް ކުޅެން ހަދާފައި ހުންނަ ތަނަކަށް ކަމަށެވެ.
ބައެއް ހަބަރުތައް ބުނާގޮތުން ރަޝިއާއިން އިއްޔެ ދިން ހަމަލާތަކުގައި ޔޫކްރައިން އިން 40 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އަދަދުތަކާ ބެހޭގޮތުން ޔޫކްރައިންގެ އޮފިޝަލުން އަދި ސާފު ކޮމެންޓެއް ނުކުރައްވައެވެ.
ރަޝިއާއިން ބުނެފައި ވަނީ, އެ ހަމަލާތަކުގައި އާންމުން މަރުވި ކަމަށް ވާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ޔޫކްރައިންގެ ދިފާއީ ނިޒާމުތަކުން ކަމަށެވެ.
ހުކުރު ދުވަހުގެ ހަމަލާތަކާ ގުޅިގެން ޕޮލަންޑުން ބުނެފައި ވަނީ, ރަޝިއާއިން ފޮނުވާލި މިސައިލްތަކުން މިސައިލެއް ޕޮލަންޑްގެ ވައިގެ ސަރަހައްދުން އަޅާފައި ދިޔަ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރަޝިއާ ޔޫކްރައިން ހަނަގުރާމަ އަށް ފެށޭ އަހަރު ގެ ފެބްރުއަރީ 22 ގައި 2 އަހަރު ވާ އިރު, ހުޅަނގާއި އެމެރިކާއިން ގެންދަނީ އަސްކަރީ ގޮތުން ޔޫކްރައިން އިތުރަށް ވަރުގަދަ ކޮށް ރަޝިއާ އާ ދެކޮޅަށް ކާމިޔާބު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ރަޝިއާއިން ބުނެފައި ވަނީ ހުޅަނގާއި އެމެރިކާއިން ކުރާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށާއި ރަޝިއާ ބަލި ނުކުރެވޭނެ ކަމަށެވެ.