ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ މެންދުރުފަހު 3:15އިން ހަވީރު 5:30 އަށެވެ.

ނ. އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހަވީރު 5:00 އަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިހާރު އަންނަނީ ކުރަމުންނެވެ.

މާލޭގެ އިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫގެ ގެތަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ކ. ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއެއްގެ މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ބުނެއެވެ.

މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް އައުމަށް ތާވަލް ކުރި ގިނަ ފްލައިޓް ތަކެއް ވެސް މިއަދު ވަނީ ޑިލޭ ވެފައެވެ.