މިއަދު ނިމިގެން މިދާ 2023 އަކީ، ރާއްޖޭގެ ސިޔާސީ ތާރީހު ބަދަލުވެގެން ދިޔަ އަހަރެކެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެނަންފުޅުތަކެއް ބިންވަޅު ނަގާފައި ވި ނަންފުޅުތަކެއް ފަނޑުވެ އާ ނަންފުޅުތަކަކަށް ޖާގަ ލިބިގެން ދިޔަ އަރެކެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ތާރީހު ބަދަލުވެގެން ދިޔަ ކިތަންމެ ސަބަބެއް ކުރިމަތިވި އަހަރެކެވެ. އެބޭބޭފުޅުންގެ 'އަބުއި ސިޔާސަތު' ދިވެހިންނަށް ކަމު ނުދިޔަކަން ސާފުވެގެން ވެސް ދިޔަ އަހަރެކެވެ.

ނޮވެމްބަރު 11، 2008 އިން ފެބްރުއަރީ 7، 2012 އަށް ވެރިކަން ކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދަކީ 'ފިކުރެއް' އެވެ. ޑިމޮކްރަސީއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކާއި އާންމު ރައްޔިތުންނާ ބައިވެރިވެވަޑައިގެން އެމަނިކުފާނު އުޅުއްވަމުން ގެންދެވި ގޮތާއި ކުރައްވަމުން ގެންދެވި ކަންކަން ދިވެހިންނަށް އޭރު ވަރަށް ކަމުދިޔައެވެ.

ނަމަވެސް ނޮވެމްބަރު 17، 2018 ގައި އެމްޑީޕީގެ ވެރިކަން ނަޝީދުގެ އާއިލީ ރަހުމަތްތެރިޔާ އަދި ސިޔާސީ މަސައްކަތްޕުޅުތަކުގައި ވެސް އެންމެ ގާތް އެކުވެރިޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅު މައްޗަށް ފުރޮޅިގެން ދިޔުމާއެކު، ރައީސް ނަޝީދުގެ ތަރި މަޑުމަޑުން އޮއްސެން ފެށިއެވެ. ވެރިކަމުގެ 'ދަހިވެތިކަން' ނަޝީދުގެ އިސްތަށިފުޅުން ފިލާ ނުދިޔުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އާރާއި ބާރުގައި ހުންނެވި އަދި އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި އެމްޑީޕީގެ 'ލަގަން' ގެއްލިވަޑައިގެން ބާކިވެގެން ދިޔުމަށެވެ.

އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރުގެ ތެރެއިން މަންފާއާއި ފަސޭހަތަކާއި ވަޒީފާއަށް އެދެ އެތައް ބަޔަކު އުޅޭއިރު، ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް، ގިނަ ބަޔަކު ބޭނުން ނުވި އެއްކަމަކީ މަގުމަތީގައި ތިބުމެވެ. ރައީސް ސޯލިހާ ދެކޮޅަށް ރޫހެއް އުފެއްދެވުމަށް ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކުގައި ފެން ނުހިފުމެވެ. މަޑުމަޑުން ބާކީވެވަޑައިގަންނަވަމުން ގޮސް، އެންމެ ފަހުން އެކުވެރި ކުދިން ކޮޅަކާއެކު 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފަން ކުރައްވަން ޖެހިވަޑައިގަތެވެ.

2023 ނިމިގެން ދާ އިރުވެސް އެ ފިކުރަށް މާބޮޑު ތަރުހީބެއް އަދި ސަމާލުކަމެއް އާންމު ރައްޔިތުން ނުދެއެވެ. އެތައް ގިނަ ޕީއާރް ސްޓަންތްތަކާއެކު ވެސް ހަމަކޮށްލެވޭ ވަރުވީ 3500 މެންބަރުންނެވެ.

ރާއްޖޭގެ ސިޔާސީ މަޝްހަރު އެތުރިފައި އޮތް ގޮތުން ދެން އޮތް މައިގަނޑު ފިކުރަކީ، ކޮރަޕްޝަނާއި މަނީލޯންޑަރިން ފަދަ ބޮޑެތި ތުހުމަތުތަކާއެކު ވެރިކަން ނިންމަވާލެއްވި ރައީސް އަބްދުﷲ ޔަމީންގެ ފިކުރެވެ. ނޮވެމްބަރު 17، 2013 އިން ނޮވެމްބަރު 17، 2018 އަށް ވެރިކަން ކުރެއްވި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލުގައި ހުންނަވަން ޖެހިވަޑައިގެން ނަމަވެސް، އެމަނިކުފާނު ތަމްސީލު ކުރެއްވި ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް ހިފަހައްޓަވަމުން ގެންދެވިއެވެ.

ހިނގަމުން މިދާ ރިޔާސީ ދައުރުގެ ޓިކެޓާ ހަމައިން އެ ކޮންޓްރޯލް ގެއްލިވަޑައިގެން އެކަނިވެވަޑައިގަތެވެ. ޔާމީން ޖަލުގައި ހުންނެވި އިރު، ޕާޓީގެ ލިޑާޝިޕްގެ ތެރޭގައި ހިންގަމުން ދިޔަ 'ސައިލެންޓް ކެމްޕެއިން' އެއްގެ ތެރެއިން ލީޑާޝިޕް ފުރޮޅާލިއެވެ. ނުވަތަ ރިޔާސީ ޓިކެޓް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ހުރިހާ ދޮރެއް ހުޅުވިއެވެ.

ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަކީ، ޔާމީން ނެތް ހާލަތެއްގައި އެ މަގާމަށް އެންމެ ކުފޫ ހަމަވާ އަދި އެންމެ ގާބިލު ކެންޑިޑޭޓު ކަމާމެދު ރައްޔިތުން އިއްތިފާގުވެއެވެ. ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށްވެސް އެއީ 'ޗޮއިސް' ކަމަށް ދެކެވަޑައިގަތެވެ.

މުއިއްޒުގެ ވެރިކަމާއެކު، ޕީޕީއެމްގެ ބާރު ޔާމީންގެ އަތްޕުޅުން ދޫވެ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެން 'ޕީއެންއެފް' ގެ ނަމުގައި އާ ޕާޓީއެއް ވުޖޫދު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ޕީއާރު ސްޓަންތްތައް ޖެއްސި ނަމަވެސް އަދި ވަޔަކު ނުހިފައެވެ. 24 ގަޑިއިރުން، ހަފްތާއަކަށް، މަހަކަށް ބަދަލުވަމުން ގޮސް އަދިވެސް ރަޖިސްޓްރޭޝަނަށް ބޭނުންވާ 3000 މެންބަރުންވެސް ހަމަނުވެއެވެ.

އެމްޑީޕީ ނަގާފައި ދެން އެންމެ މެންބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް ކަމަށް ވިޔަސް، ހިނގަމުން ދާ ސަރުކާރަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ސަރުކާރެއް ކަމަށް ވުމާއެކު، ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއާ ގުޅިއްޖެއެވެ. އަދަދު ހަމަނުވެގެން އުވާލުމުގެ ބިރު އޮތް ޕީއެންސީއަކީ މިއަދު 40،000 މެންބަރުންގެ ޕާޓީއެވެ.

ހިނގަމުންދާ ސަރުކާރުގެ ގިނަ ވަޒީފާތައް ޔަގީން ކޮށް، ގިނަ އަދަދެއްގެ މެންބަރުން ޕީޕީއެމް ދޫކޮށްލިއެވެ. ޔާމީން ވިދާޅުވިޔަސް އަބަދު މަގުމަތީގައި ތިބެވެން ނެތް ކަމަށް ވިދާޅުވެ، ޔާމީނާ އެންމެ އަރިސް ބޭފުޅުންވެސް މިއަދު ތިއްބެވީ ކޮޅު ބަދަލުކުރައްވައިގެންނެވެ.

މިއަދު 2023 ނިމޭއިރު، ސިޔާސީ އެންމެ މުހިންމު ޝަހުސިއްޔަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން މިސްރާބު ހިއްޕަވާފައި ވަނީ ތަރައްގީއާ ދިމާއަށެވެ. ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު [ފުށިދިއްގަރު ފަޅު] ހިއްކަވަން ވަނީ ފައްޓަވާފައެވެ. ގުޅިފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ވެސް ކުރިއަށް ގެންދަވައެވެ. ދިވެހިންގެ ތެރެއިން ނެތެމުން ދާ އަދި ނެތެމުން ގޮސްފައި ވާ ރީތި އާދަތަކާއި ސަގާފަތް ދިރުވައި އަނބުރާ ގެންނެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އަހުލާގީ ފޭރާން ހެޔޮ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެއްދެވުމުގެ މާތް ނިޔަތުގައި، ބަރަހަނާ މަންޒަރުތައް ފެންނަ ސައިޓްތައް ބަންދު ކުރައްވައިފިއެވެ.

ތައުލީމީ މަންހަޖުގެ ތެރެއަށް އަދަބިއްޔާތު ވެއްދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ފޭރާން ހެޔޮ މުޖުތަމައެއްގެ ބިންގާ ރައީސް މުއިއްޒު އަޅުވަމުން ގެންދަވާ އިރު، އެއީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށް ގިނަ ރައްޔިތުންނަށް ވެސް ގަބޫލު ކުރެވިއްޖެއެވެ.

އޮއްސުނު ރައީސުންގެ މަތިން ހަނދާން ނެތި އަރަމުން އަންނަ 'ތަރި' އަށް 'ދިވެހި ދިދަ' ވިހުރެން ވަށައިފިއެވެ.