މޫސުން ގޯސްވެ ރާއްޖެއަށް އައުމަށް ތާވަލް ކުރި ގިނަ ފްލައިޓް ތަކެއް ޑިލޭ ވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ އާ އަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރެކެވެ. ނަމަވެސް އިރުވައި މޫސުމުގެ ގަދަ ކޮޅިގަނޑު ރާއްޖެއަށް ޖެހި، ގިނަ އަދަދެއްގެ ފްލައިޓްތައް މި ވަނީ ޑިލޭވެފައެވެ.

އެގޮތުން ޖަރުމަނުގެ ފްރޭންކްފުޓް އިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދެ ފްލައިޓާއި އިޓަލީގެ ރޯމް އާއި ރަޝިޔާގެ މޮސްކޯގެ އިތުރުން ދުބާއި އަދި އިނގިރޭސިވިލާތުގެ ލަންޑަން އިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ވަނީ ޑިލޭ ވެފައެވެ.

އެރައިވަލް ޝެޑިއުލް ފެންނަ ބޯޑު

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ މައި އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ.

މި ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލް އިން ވަނީ އެއްފަހަރާ 68 ޖެޓް ޕާކް ކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައެވެ. އަމިއްލަ ޖެޓްތަކަށް އިތުރު ޖާގަ ހަމަޖެއްސީ އެއާޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގަ އާއި އާ ފިއުލް ފާމުގެ ކުރިމަތިން އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.