ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް އެންޓި ޑިފެކްޝަން ގާނޫނެއް އަލުން އެކުލަވައިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބުނެފިއެވެ.

މި ގޮތަށް އެ ޕާޓީން ބުނެފައި މިވަނީ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވާ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ވެރިކަން ބަދަލުވުމާ އެކު، މަޖިލީހުގެ ތެރެއިން ވެސް ބައެއް މެންބަރުން ބަދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫން ކަމަށެވެ.

"މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ނިޔާޒު ވިދާޅުވި އެވެ. އަދި ފާއިތިވި 5 އަހަރު ދުވަހުވެސް އެ މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ އެ މަސައްކަތް ކުރުމަށް އަދިވެސް ވަގުތު އެބަ އޮތް ކަމަށެވެ.

މަޖިލީހަށް ހޮވިވަޑައިގަންނަވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅާ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށް، އަމަލުކޮށްފައި ވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިގާލީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު އެ ގާނޫނު އުވާލުމަށް ފާސްކޮށްފައި ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ޕީއެންސީ އާ އަލަށް ގުޅިވަޑައިގެންނެވި އެމްޑީޕީގެ 13 މެންބަރުންނާއެކު 19 ވަނަ މަޖިލީހުގައި ދެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ 17 މެންބަރަކު ތިއްބަވާނެއެވެ. އެއީ ޕީޕީއެމްގައި ދެ މެންބަރުން، އަދި ޕީއެންސީގައި 15 މެންބަރުންނެވެ. މިއާއެކު، މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީ އަށް ސަރުކާރު ތަމްސީލުކުރާ ޕީއެންސީވެ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހުގެ އާ މައިނޯރިޓީ ލީޑަރަށް ވެގެން ދާނެއެވެ.