ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ނިންމައިފިއެވެ.
މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނިކޮށް މިއަދު ބޭއްވި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާމިންވަރު ބަލާ ކޮމިޓީއިން ނިންމާފައި ވަނީ ހުރިހާ މިނިސްޓަރުންނަށް އެއްކޮށް ވޯޓަށް އެހުމަށެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އަދި ވަޒީރުންނަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ 4 މެންބަރުންނެވެ. އެހެންކަމުން ކޮމިޓީގެ މުގައްރިރު ނިންމާފައި ވަނީ 22 މިނިސްޓަރުންނަށް ރުހުން ދޭން ކޮމިޓީއަށް ފެންނަ ކަމަށް ނިންމަވާފައެވެ.
ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ބަންޑާރަ ނައިބު އަހްމަދު އުޝާމްއަށް ރުހުން ނުދިނުމަށް އަމިއްލަ ފަރާތަކުން ވަނީ އެ ކޮމިޓީއަށް ސިޓީއެއް ވެސް ހުށަހަޅާފައެވެ. އެ ފަރާތުން ބުނެފައި ވަނީ އާއިޝަތު ޝިހާމް އަދި އުޝާމް ރައްޔިތުންގެ ހައްގުތަށް އަދާ ކުރުމަށާއި ގާނޫނަށާއި އެއްގޮތަށް ކަންކުރުމަށްވެފައިވާ ހުވަޔާ ހިލާފްވެފައިވާ ކަމަށެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއިން ބެލުމަށްފަހު އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި މި މަހުގެ 18 ވަނަ ދުވަހު ވަނީ އެޖެންޑާކޮށްފައެވެ.
އެހެންނަމަވެސް އެ ދުވަހުގެ ޖަލްސާ ފެށުމާއެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު މިނިސްޓްރީތަކުގެ މެންޑޭޓު ނުފޮނުވާ ކަމަށާއި އެހެންކަމުން އެ މައްސަލާގއި ވޯޓަށް އެހުމާ މެދު ސުވާލު އުފައްދަވާފައެވެ.
އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށް ފަހު އެ މައްސަލަ އެ ދުވަހު ކުރިއަށް ނުގެންގޮސް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމާފައެވެ. އެއާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ހަމަ އެ ދުވަހު ރައީސް އޮފީހުން ވަނީ މިނިސްޓްރީތަކުގެ މެންޑޭޓުތައް މަޖިލީހަށް ފޮނުވާފައެވެ. މިހެން މިކަން އޮތްއިރު މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އައްޔަންކުރި މިނިސްޓަރުންނަށްވެސް ރުހުންދީފައިވަނީ މިނިސްޓްރީތަކުގެ މެންޑޭޓު ފޮނުވުމުގެ ކުރިންކަން ފާހަގަކުރެވެއެވެ.